ސްޓާލިންކްގެ އިތުރު 22 ސެޓެލައިޓް ޖައްވަށް ފޮނުވައިފި

ސްޓާލިންކްގެ އިތުރު 22 ސެޓެލައިޓް ވަނީ ޖައްވަށް ފޮނުވައިފައި -- ފޮޓޯ: އަނަޑޯލު

މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސްގެ ސްޓާލިންކުން އިތުރު 22 ސެޓެލައިޓް ޖައްވަށް ފޮނުވައިފިއެވެ.

މި ސެޓެލައިޓްތައް ފޮނުވާލީ އިއްޔެ ހަވީރު، އެމެރިކާގެ ކެލިފޯނިއާގެ ވެންޑެންބާގް ސްޕޭސް ފޯސް ބޭސްއިން ސްޕޭސްއެކްސްގެ ފެލްކަން 9 ރޮކެޓެއް މެދުވެރި ކޮށެވެ.

ސްޓާލިންކް ސެޓެލައިޓް މުވާސަލާތީ ނިޒާމަކީ މުޅި ދުނިޔެއަށް ވަޔަލެސް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ.

މިހާރު ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި، އެމެރިކާ އެއްކޮށް ހިމެނޭގޮތަށް، ސްޓާލިންކްގެ ޚިދުމަތް ފުރިހަމައަށް ލިބެއެވެ.

ސްޕޭސްއެކްސްއިން މިފަދަ އިތުރު ދަތުރެއް މިރޭ ވެސް ކުރުމަށް ވަނީ ރާވާފައެވެ. މި ދަތުރު ފެށޭނީ ފްލޮރިޑާގެ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުންނެވެ. މިދަތުރުގައި ޖައްވަށް ފޮނުވަނީ ކިތައް ސެޓެލައިޓްކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުގައި ބޭނުންކުރާނީ އަލަށް ބޭނުންކުރާ ރޮކެޓެއް ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓާލިންކްގެ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5،000 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާފައިވާއިރު، މި މަޝްރޫޢުގެ މަގުސަދަކީ އަގުހެޔޮ، ބާރު ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމެވެ.

ސްޓާލިންކުން ބުނާގޮތުގައި މި ސެޓެލައިޓްތައް ދައުރުކުރާނީ ބިމުން ފެށިގެން 550 ކިލޯމީޓަރު އުސްމިނުގައެވެ.

ސްޓާލިންކްގެ ޚިދުމަތް މިހާރު 60 އަށްވުރެ ގިނަ ގައުމަކަށް ލިބެއެވެ. އަދި ދުނިޔޭގެ ކާރިސާތަކާއި ހަނގުރާމައިގެ ހާލަތްތަކުގައި އިންޓަނެޓް މުވާސަލާތު ގާއިމްކުރުމަށް މި ޚިދުމަތް ވަނީ ވަރަށް ބޮޑު އެހީއަކަށް ވެފައެވެ.

comment ކޮމެންޓް