ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހައި، ނޭޕާލުން ސެމީގެ އުންމީދު ބޮޑުކޮށްފި

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ނޭޕާލުން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައި --- ފޮޓޯ/ ގޯލް ނޭޕާލް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހައި، ނޭޕާލުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.

އިންޑިއާގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 9-0 ލަނޑުގެ ނަތީޖާއަކުންނެވެ. ނޭޕާލުން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަބިތުރާ ބަންޑާރީ އެވެ.

މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ނޭޕާލްގެ ގިނަ ކުޅުންތެރިން ކުޅެމުންދިޔައީ ރާއްޖޭގެ އޭރިޔާ ތެރޭގައެވެ. ފުރަތަމަ ހާފުގައި ސަބިތުރާ ވަނީ ތިން ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ލަނޑުތައް އޭނާ ކާމިޔާބުކުރީ މެޗުގެ 12 ވަނަ މިނެޓާއި، 28 ވަނަ މިނެޓް އަދި 39 ވަނަ މިނެޓުގައެވެ. ސަބިތުރާގެ ހެޓްރިކުން ނޭޕާލް ފުރަތަމަ ހާފް ނިންމާލީ 3-0 ލަނޑުން ކުރީގައި އޮވެގެންނެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި ނޭޕާލުން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައި --- ފޮޓޯ/ ގޯލް ނޭޕާލް

މެޗުގެ 50 ވަނަ މިނެޓުގައި ސަބިތުރާ އިތުރު ލަނޑެއް ކާމިޔާބުކުރި އިރު، އޭގެ ދެ މިނެޓް ފަހުން ނޭޕާލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަންޖާލީ ޔޮންޖާން އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ރާއްޖެ ކޮޅަށް ސަބިތުރާ ވަނީ އޭނާގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށް، ނޭޕާލަށް ހަ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. އެއީ މުބާރާތުގައި ސަބިތުރާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ނޭޕާލްގެ ހަތް ވަނަ ލަނޑު ސަޕާނީ ލަމާ ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ހިރާ ކުމާރީ ބުޖެލް ވަނީ އެ ޓީމުގެ އަށް ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ރާއްޖެ ކޮޅަށް އެ ލަނޑު ޖެހީ 25 ޔާޑު ދުރުން އުފެއްދި ހަމަލާއަކުންނެވެ. މެޗުގައި ރާއްޖެ ކޮޅަށް ނޭޕާލުން ޖެހި ނުވަ ވަނަ ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެ ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ނިރްމަލާ ބީކޭ އެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޮޅަށް ލަނޑު ޖަހުމަށްފަހު، ނޭޕާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުގައި ނޭޕާލުން ވަނީ ރާއްޖެ ކޮޅަށް ނުވަ ލަނޑު ޖަހާފައި --- ފޮޓޯ/ ގޯލް ނޭޕާލް

އެ ނަތީޖާއާއެކު 'ގްރޫޕް އޭ'ގެ އެއް ވަނައިގައި ނޭޕާލް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. މުބާރާތުގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން 8-0 ލަނޑުން މޮޅުވި އިރު، އެ މެޗުގައި ސަބިތުރާގެ ފަރާތުން ހަ ލަނޑު ފެނިގެންދިޔަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ސްރީ ލަންކާ އާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ރާއްޖެ އަށްވުރެ ކުރީގައި ލަންކާ އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އޮތް ބޫޓާން އަށް ކުޅުނު އެއްވެސް މެޗަކުން އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގްރޫޕްގެ ފުލުގައި އޮތް ބޫޓާންއާ ދެކޮޅަށެވެ. ރާއްޖެ އިން ސެމީގެ ޖާގައެއް ބޭނުންނަމަ، އެ މެޗަކީ ރާއްޖެ އަށް ވަރަށް މުހިންމު މެޗެކެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވެފައި ވަނީ 5-2 ލަނޑުންނެވެ. ލަންކާ އިން ގްރޫޕްގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާގެ ޓީމު އޮތީ 'ގްރޫޕް ބީ'ގައެވެ. އިންޑިއާ އެކު ދެން އެ ގްރޫޕްގައި ހިމެނެނީ އަފްޣާނިސްތާނާއި، ބަންގްލަދޭޝް އެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 5-1 ލަނޑުން މޮޅުވެ، އިންޑިއާ އިން ވަނީ އެއް ވަނައަށް ޖެހިލައިފަ އެވެ. އިންޑިއާ އަކީ ފާއިތުވެދިޔަ ތިން މުބާރާތުގެ ވެސް ޗެމްޕިއަން ޓީމެވެ.

comment ކޮމެންޓް