ޗެމްޕިއަން ޓީމަށް 500،000 ރުފިޔާއާއެކު މުޅި ރާއްޖެއަށް މުބާރާތް ފުޅާކުރަން ގަސްތުކުރަން: ސިޔާމް

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލު މެޗަށް ޕުޔޯލް ނ. ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން އޭނާގެ އަރިހުގައި އެމްޑީއޭގެ ލީޑަރު ސިޔާމް-- ސަން ފޮޓޯ

ސިޔާމް-މައުރޫފް ސޮކާ ކަޕް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ވިސްނަމުންދާ ކަމަށް އެ މުބާރާތުގެ އެއް ބާނީ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށްފަހު ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އެ މުބާރާތް މިހާރު ހަމައެކަނި ނޫނު އަތޮޅުގައި ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް، ކުރިއަށް އޮތްތަނުގައި އެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައި، އެއް ވަނަ ޓީމަށް ލިބޭ އިނާމުވެސް ބޮޑު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

"މި މުބާރާތް މިއަށްވުރެ ފޯރިގަދަކޮށް މުސްތަގުބަލުގައި ބޭއްވުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަދި އަތޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެހާމެ މުހިއްމު ކަމަކަށް ވާތީ، އަޅުގަނޑު އުއްމީދު މިކުރަނީ ﷲ ގެ ރަހްމަތާއި ވާގިފުޅާއެކު އަޅުގަނޑުމެންގެ މި މުބާރާތް ސިޔާމް-މައުރޫފްގެ ސޮކާ، ކުރިއަށް އޮތްތަނުގައި މިމުބާރާތް ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް މި މުބާރާތް ހުޅުވާލުމަށް އަޅުގަނޑު ގަސްދުކުރާ ވާހަކަ ދަންނަވަން،" ސިޔާމް ވިދާޅުވި އެވެ.

މުބާރާތް މުޅި ރާއްޖެއަށް ފުޅާ ކުރާއިރު، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ދޮޅު ލައްކަ ރުފިޔާގެ އިނާމު ފަސްލައްކަ ރުފިިޔާއަށް ބޮޑު ކުރައްވާނެ ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ފުޓްބޯޅައިގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާ ކަމަށެވެ. އަދި ފުޓުބޯޅައިގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ބޭނުން ކޮށްފި ނަމަ ކުދިންނަށް އަހްލާގީ ގޮތުންނާއި ސިއްހީ ގޮތުން އެތައް ފައިދާތަކެއް ލިބިގެން ދާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފުޓުބޯޅަ ވެގެން މިދަނީ ރާއްޖޭގެ ކުރިއެރުމާއި، މިއަތޮޅުގެ ކުރިއެރުމާއި، ރައްޔިތުންނަށް އުފާ ފާގަތިކަން ދާއިމަށް ގެނެވޭނެ އެއްޗެއްގެ ގޮތުގައި،" ސިޔާމް ވިދާޅުވި އެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ މައުރޫފް ވިދާޅުވީ، ތިރީސް ދުވަހުގެ މުބާރާތެއް ނިމިގެން ދިޔަ އިރު ނ. އަތޮޅުގެ ރައްޔިތުންގެ ކިބައިން ޖަޒުބާތާއި އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެން ދިޔަ ކަމަށެވެ.

ނ. އަތޮޅުގެ ޒުވާނުން މިއަދު ތިބީ ވަރަށް އުފަލުން ކަމަށާއި، މަސައްކަތް ކުރަމުންދަނީ އެ އަތޮޅާއި، މުޅި ގައުމުގެ ޒުވާނުންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ކަމަށް މައުރޫފް ވިދާޅުވި އެވެ.

އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ޒުވާނަކު ބާކީ ނުކޮށް ޒުވާނުންނަކީ ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހޭދަކުރާ ބަޔަކަށް ހަދައި، ޒުވާނުންގެ މުސްތަގުބަލު ބިނާ ކުރުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފްގެ ވާހަކަފުޅުގައި އެ މުބާރާތަށް ނ. އަތޮޅުގެ ކައުންސިލްތަކާއި މުއައްސަސާތަކުން ދިން އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާ ކުރެއްވި އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ހޮޅުދޫ ފުޓްބޯޅަ ޓީމެވެ. ހޮޅޫދޫއިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ކެނދިކުޅުދޫއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ، ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕުޔޯލް އެވެ.

comment ކޮމެންޓް