ކުނީގެ ގޮތުގައި މާލޭގެ ގޭބިސީތަކުން އުކާލާ ޕްލާސްޓިކް ފުޅިތައް އެހެން ކުނިތަކާ ވަކިން ހަވާލުކޮށްދިނުމަށް ވޭސްޓް މެނޭޖެމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، ގޭގެއިން އުކާލާ ކުނި އެންދުން މަދުކޮށް، ރީސައިކަލް ކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކޮންމެ ސައިޒެއްގެ ނަމަވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރައްވާ ފަރާތްތަކަށް، ހޮޓާތަކަށް ކެފޭތަކަށް ރެސްޓޯރެންޓްތަކަށް މި ޕްލާސްޓިކް ފުޅި ވަކިކޮށްދެއްވަން އެބޭފުޅުންގެ އެހެން ކުނިތަކުގެ ތެރެއިން، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު
އެގޮތުން ކަރުދާސް އެއްކޮށް، ރީސައިކަލް ކުރުމުގެ މަސައްކަތް މިހާރުވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އިރު، ޕްލާސްޓިކް ރީސައިކަލް ކުރަން ވެސް އެ ކުންފުނިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރަން ނިންމީ އެ ފުޅިތަކަކީ "ވަސީލަތެއް" ކަމަށް ބަލައިގެން ކަމަށެވެ.
"ކޮންމެ ސައިޒެއްގެ ނަމަވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރައްވާ ފަރާތްތަކަށް، ހޮޓާތަކަށް ކެފޭތަކަށް ރެސްޓޯރެންޓްތަކަށް މި ޕްލާސްޓިކް ފުޅި ވަކިކޮށްދެއްވަން އެބޭފުޅުންގެ އެހެން ކުނިތަކުގެ ތެރެއިން. އެހެންކަމަށް ވެއްޖެއްޔާ ނައްތާލެވޭ އަންދާލެވޭ ކުނީގެ ނިސްބަތް ހަގީގަތުގައި ވަރަށް ބޮޑުތަން މަދުވާނެ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި މިހާރު ވެސް ފުޅާ ދާއިރާއެއްގައި ދަނީ ކަރުދާސް ރީސައިކަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 26 ޓަނުގެ ޓެކްސް ފޮތްތައް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭރުކޮށް، ދެވަނަ ޝިޕްމަންޓް އިއްޔެ ބޭރުކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެއީ 26.8 ޓަނުގެ ޓެކްސް ފޮތްކަމަށް ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ސްކޫލްތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް ގިނަ އަދަދަކަށް ކަރުދާސް އަޅާއިރު، އެ ކުނިތައް ވެސް ކޮންމެ ބުރާސްފަތި ދުވަހަކު ނަގަމުންދާ ކަމަށެވެ. އަދި ތިލަފުއްޓަށް އެއްކޮށް މަހަކު އެއްފަހަރު ރީސައިކަލް ކުރުމަށް އެކްސްޕޯޓް ކުރާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލެއިން ކުނި އުކާލުމުގެ ހިދުމަތް ރަސްމީ ސިފައެއްގައި މާލޭގެ ހުރިހާ ގެއަކަށް ވެސް ލިބޭގޮތަށް ހައެއްކަ މަސް ފަހުން ފެށޭވަރުވާނެ ކަމަށެވެ.
އެ މަސައްކަތް ފެށުމަށް ބޭނުންވާ ކުނި އުކާލަން ބޭނުންވާ ޓްރައި ސައިކަލް އާއި ކޮމްޕެކްޓް ވެހިކަލް މިހާރު ޝިޕިންގެ މަރުހަލާގައި އުޅޭ އިރު، ތިން ލޭންޑިކް ކްރަފްޓެއް ބަންނަން އިންޑިއާއަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.