ފެހިކަން ގަދަ ވިލިމާލޭން ދުވަސްވީ ދެ ނިކަ ގަހެއް ނެގުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް، އެ އަވަށު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ހުރި ފުނަގަހެއް ނީލަމުގައި ވިއްކާލަން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ވަނީ، ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހުރި ފުނަގަހެއް ވިއްކާލަން އުޅޭ ކަމަށާއި، އެ ނީލަމުގެ ފެށޭ އަގަކީ 300 ރުފިޔާ ކަމަށެވެ.
އެ ގަހުގެ އިތުރު ތަފުސީލެއް ދީފައިނުވާއިރު އެ ގަސް ދެއްކުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު 14:00ގައި ކަމަށް ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ކަމަށް އެ އިއުލާނުގައިވެއެވެ.
ފުލުހުން ވަނީ ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރުމަށް ފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މެއިލް ކުރުމަށް އެދިފައެވެ. އަދި މެއިލް ލިބުމުން، މެއިލް ކުރި މީހަކަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ ޖަވާބު ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ފުލުހުން ބުނީ، ނީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ، މި މަހުގެ 18 ވަނަ ދުވަހުގެ 11:00 ކަމަށެވެ. ނީލަން ކިޔުން އޮންނާނީ، ފުނަގަސް ދައްކަން ނިންމައިފައިވާ ދުވަސް ކަމަށްވާ، މި މަހުގެ 19 ވަނަ ދުވަހުގެ 14:00ގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގައެވެ.

ވިލިމާލޭގައި ފުލުހުން ހަރަކާތްތެރިވަނީ: ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ހުރި ފުނަގަހެއް ނީލަމުގައި ވިއްކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ ވިލިމާލޭ ޕޮލިސް
ފުލުހުން ބުނީ ނީލަން ކިޔާނީ ބައިވެރިވާ މީހުންގެ ހާޒިރުގައި އަނގަ ބަހުން ކަމަށެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީ ވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުން ކަމަށާއި، ގަޑި ޖެހުމަށްފަހު ހާޒިރުވާ މީހުންނަށް ނީލަމުގައި ބައިވެރިނުވެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
ފުލުހުން ވަނީ ނީލަމުގައި ގަހުގެ އަގު މަތިކުރެވޭނީ، ނީލަން ކިޔުމަށް ހަމަޖެހިފައިވާ ފަށާ އަގުގެ 20 ޕަސެންޓުން ކަމަށް ބުނެފައެވެ.
ފުލުހުން ނެރެފައިވާ، ''ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ދެވޭ އިރުޝާދު''ގައި ވަނީ، ނީލަން ކާމިޔާބު ކުރާ މީހަކު ނީލަން ނިމުމަށްފަހު ފައިސާ ދައްކައި، 48 ގަޑިއިރުތެރޭ ގަހާ ހަވާލުވާން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އިތުރަށް ގިނަވެގެން ދެވޭނީ ދެ ދުވަސް ކަމަށާއި އެއަށް ފަހު ޖޫރިމަނާ ކުރާނެ ކަމަށް އިރުޝާދުގައިވެއެވެ. އެގޮތުން، ގަސް ވިކުނު އަދަދުގެ ފަސް ޕަސެންޓުން ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.
ބިޔަ ގަސްތައް ގިނަ ވިލިމާލޭގެ ގަހެއް ނީލަމުގައި ވިއްކާލަން އުޅޭއިރު، އެ ރަށުގައި ހުންނަ ދެ ނިކަ ގަހެއް ނަގަން ރަށުގެ ރައްޔިތުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ 24ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އެދިފައެވެ. އަދި ރައީސް ވަނީ އެ ގަސް ނަގާނެ ކަމަށް ވިދާޅުވެފައެވެ.
މާލެއާ އެންމެ ކައިރީ އޮންނަ އެންމެ ހިތްފަސޭހަ ރަށުން ދުވަސްވީ ދެ ނިކަ ގަހެއް ނަގަން ނިންމުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވެސް ފާޑު ކިޔައިފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ވިލިމާލޭން ނަގާ ދެ ނިކަ ގަހުގެ ބަދަލުގައި އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ވިދާޅުވެފައެވެ.