ކާރިސާތައް އިތުރުވަނީ، ދިވެހީން ދަސްކުރަންވީ ކޮން ފިލާވަޅެއް؟

ކުޅުދުއްފުށީގައި ފެންބޮޑުވެ ގެތަކަށް މީގެކުރިން ލިބުނު ގެންލުންތަކެއް --- ފޮޓޯ: ކޭއޯ

ތޮށިގަނޑު މަތިން، ރަށު ތެރެއަށް ލޮނުގަނޑު ބަނޑުން ވެގެންދާތަން ފެންނަ ނަމަ އަދިވެސް ފިނިވެ، ބިރުގަންނަ އެތައް ބަޔަކު އެބައުޅެއެވެ. މިއަދަށް 21 އަހަރުވީއެވެ. ސުނާމީ ކާރިސާގެ ބިރުވެރިކަން އަދިވެސް ދިވެހީންގެ ހިތްތަކުން ނުފިލައެވެ. އެއީ މޫސުމީ ބަދަލުތަކާއި، ރާއްޖޭގެ މި ނާޒުކު ވެއްޓާ މެދު ވިސްނުމަށް ދިވެހީން ލޯ ހުޅުވައިދިން ކާރިސާއެކެވެ. މުސްތަގުބަލުގެ ގޮންޖެހުންތަކަށް ވިލުންވެރި މުޖުތަމައުއެއް ބިނާކުރަންޖެހޭކަން ބުނެދިން ވަރުގަދަ އިންޒާރެކެވެ. އެވަރު ބޮޑު ހާދިސާއެއް ނުހިނގިއެއް ކަމަކު، ކޮންމެ އަހަރަކު މޫސުމީ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.

ގެއްލުންތައް ފޫބައްދަންކުރި ޚަރަދު އިތުރު، މި ބުނަނީ ކީކޭ؟

ވަރަށް ފަހުން، މި މަހުގެ ކުރީކޮޅު ހާމަކުރި ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކުރީ 144 މައްސަލަ ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު ވަނީ 183 އަށް އިތުރުވެފައެވެ. އަދި، މިދިޔަ އަހަރު ޖުމުލަ 251 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ވަރަށް ސާފެވެ. ހާދިސާތައް ހިނގާ މިންވަރާއި، އެ ފަދަ ކަންކަމުގައި ކުރަންޖެހޭ ހޭދަ އިތުރުވަނީއެވެ.

މިދިޔަ އަހަރަށް ބަލާއިރު، އެންމެ ގިނައިން ހިނގާފައިވަނީ ފެންބޮޑުވުމުގެ ހާދިސާތަކެވެ. އެ ފަދަ 93 ހާދިސާއެއް އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވެއެވެ. ފެންވަދެގެން މިދިޔަ އަހަރު 1،423 ގެއަށް ވަނީ އަސަރުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެ ފަދަ 83 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ހިނގާފައިވަނީ ވައިބާރުވުމުން ހިނގި ހާދިސާތަކެވެ. އެ ފަދަ 57 ހާދިސާއެއް ވަނީ ހިނގާފައެވެ.

މީގެ އިތުރުން ވެސް ތޫފާންތަކާ ގުޅޭ އަށް ހާދިސާއަކާއި، އުދަ އެރުމުގެ ތިން ހާދިސާއާއި ހޮނުއެޅުމުގެ ދެ ހާދިސާއެއްގެ އިތުރުން ކަނޑުމަތީގެ އެއް ހާދިސާ ރިޕޯޓުކޮށްފައިވެއެވެ.

ނިމުނު 2024ގައި ގުދުރަތީ ގޮތުން ލިބުނު ގެއްލުމަށް އެ އޮތޯރިޓީން ޚަރަދުކުރީ، 11.6 މިލިއަން ރުފިޔާ ކަމަށްވާއިރު، 2023ގައި ވަނީ 4.2 މިލިއަން ޚަރަދުކޮށްފައެވެ. އޭގެ އިތުރަށް، 2022 ވަނަ އަހަރު 3.6 މިލިއަން ޚަރަދުކުރިއެވެ.

ވަރަށް ސާފެވެ. ހާދިސާތައް ހިނގާ މިންވަރާއި، އެ ފަދަ ކަންކަމުގައި ކުރަންޖެހޭ ހޭދަ އިތުރުވަނީއެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި ފަހަރުގައި ކާރިސާ އިތުރުނުވެ، ކުރިން ރިޕޯޓުނުކުރާ މިންވަރަށް ރިޕޯޓުކުރުމަކީ ވެސް ވެދާނެ ކަމެކެވެ. އޭގެ އެއް ސަބަބަކީ ހޭލުންތެރިކަން އިތުރުވުމާއި، ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އެ އިދާރާގެ އެހީ ހޯދަން ކަންކުރަންވީ ގޮތް މިހާރު ގިނަ އާންމުންނަށް އެނގުމެވެ.

މިއީ ކާރިސާތަކުން އަރަގަނެވޭނެ މަގެއް ހޯދަންޖެހޭކަން ކޮންމެހެން ވެސް ޔަގީންވާ ކަމެކެވެ. ރާއްޖޭގެ ނާޒުކު އިގްތިޞާދާއި، އެއާނުލާ އިގްތިޞާދު ނުހިނގާނެ ވެއްޓާމެދު ފަރުވާތެރިވާންޖެހޭކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

ވަރަށް ގާތުން ދިވެހީންނަށް ނެގެން އޮތް ފިލާވަޅެއް އެބައޮތެވެ. އެއީ މިދިޔަ މަހު، އަވައްޓެރި ސްރީލަންކާއަށް ތޫފާން ދިތުވާގެ ސަބަބުން ލިބުނު ގެއްލުންތަކެވެ. އިގްތިޞާދީ ގޮތުން ދަތި ހާލަތެއްގައި އޮތް އެ ގައުމަށް އެ ކާރިސާވީ އިތުރު ބުރައަކަށެވެ. މާލީ ގޮތުން ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. ވަކިވަކި ފަރުދުންނަށް ލިބުނު ނަފްސާނީ އަދި މާއްދީ ދެރައަކަށް ވެސް މެއެވެ.

ދެހާސް އެކާވީސްވަނަ އަހަރުގެ ފަހުކޮޅު ދިމާވި މާލީ އަދި ސިޔާސީ ކާރިސާއިން އަރައިގަނެ ނުނިމެނީސް ސުނާމީއަށްފަހު، ބައްދަލުކުރި އެންމެ ބޮޑު ކާރިސާއަކީ ތޫފާން ދިތުވާކަމަށް ލަންކާ މީޑިއާތައް ބުނެއެވެ. ރާއްޖެއަށްވުރެ ބިން ބޮޑު، ނަމަވެސް ޖަޒީރާ ގައުމެއްގެ ގޮތުގައި ފާހަގަވާ ލަންކާ ފަށަންޖެހުނީ ސުމަކާ ހަމައިންނެވެ.

ދިވެހީންނަށް ދެން އޮތް ފިލާވަޅަކީ ކޮބާ؟

ތިމާވެށީގެ ކަންކަމުގައި ވަކާލާތުކުރައްވާ ހުމައިދާ އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ލަންކާގެ ހާލަތުން ބުނެދެނީ ރާއްޖެއަށް ވެސް މުސްތަގްބަލުގައި އޮތް ނުރައްކަލެވެ.

ނަމަވެސް އެ ނުރައްކަލާ މެދު ވިސްނުމުގެ ބަދަލުގައި ފެންނަނީ، ސަރުކާރުތަކުން އިސްވެ ވެއްޓާ ދެކޮޅު ކަންކަން ކުރަމުން އަންނަތަން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ނުރައްކާ ބޮޑީ ތަރައްގީގެ ނަމުގައި ހިންގާ އެކިއެކި މަޝްރޫއުތަކާ ހެދިއެވެ.

ނަމަވެސް މި މަޝްރޫއުތަކުގެ ސަބަބުން ގެއްލޭ ގުދުރަތީ ނިޒާމާއެކު ދެން ތަރައްގީކުރަންޖެހޭ ރައްކާތެރިކަމުގެ އިތުރު ކަންކަން ކުރޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ކިހިނެއް އެ ކަން ކުރާނީ. ކިހިނެއް ހުރިހާ ރަށްތަކެއްގެ ވަށައިގެން ފާރު ރާނާނީ ބޮޑުހިލަ ޖަހާނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓު ފަންޑެއް ހިންގައި ގަވައިދުން ފައިސާ ޖަމާކުރުން އެއީ ވަރަށް މުހިންމު ކަމެކެވެ.

"ރާއްޖޭގައި ނެތް [މިކަހަލަ ފަންޑެއް] އެކަހަލަ ކަމަކަށް ރާއްޖެ ތައްޔާރެއް ނުވޭ. ރާއްޖެ މިހާރު ވެސް އެ ދަނީ ތިމާވެށީގެ ކަންކަމަށް، މިކަހަލަ ކާރިސާތަކަށް ތައްޔާރުވުމުގެ ބަދަލުގައި، އިތުރަށް ބޮޑުވާނެ ގޮތަށް ރާއްޖޭގެ ކަންކަން ކުރަމުން،" ހުމޭދާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގައުމަކުން ހިލޭ އެހީއެއް ދޭނެ ކަމަށް ވިސްނައި، ފަސޭހަކޮށްލައިގެން ތިބެވޭކަށް ނެތެވެ.

ހުމޭދާ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެސް ޒިންމާއެއް އެބައޮތެވެ. އެއީ މޫސުމީ ކާރިސާތައް އިތުރުނުވާނެހެން ސިޔާސަތުތަކާއި މަޝްރޫއުތައް ބައްޓަންކުރުމެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ބިން ހިއްކުމަކީ ކަނޑުގެ ދިރުންތައް ނެތިދާ ސަބަބެއް --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

"އެހެންވީމާ އަސްލު ދިވެހިރާއްޖޭގެ ސަރުކާރުތަކުން މި ވީހާ ދުވަހު އެ ވާހަކަތައް ދައްކަމުން ކުރި ކަންތަކާއި އެ ދެއްކި ވާހަކައާ މުޅިން ނުބައްދަލުވީމާ ދެން ރާއްޖޭގެ ހާލަތު ރަނގަޅުކުރެވޭނެ މާ ގިނަ ގޮތްތަކެއް ނޯންނާނެ. މިހާރު ވެސް ރާއްޖޭގެ ރަށްތައް ރައްކާތެރިކޮށް ދަމަހައްޓައިފައި މި އޮތް ވެށި ހަލާކުކުރަމުން އަދި އެ ހަލާކުކުރަން އެ ޚަރަދު ކުރަނީ ނުވެސް މެތް ފައިސާއޭ ދެންނެވޭނީ. މިހާރު ވެސް ރާއްޖެ މި އޮތީ ދަރައިފައި. އެހެންވީމާ އަދި ދެން ކަމަކާ ދިމާވާ ދުވަހު ކޯންޗެއް އޮންނާނީ،"

ވެށީގެ ގެއްލުން އެކަންޏެއް ނޫނެވެ. ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެހެން ވެސް މަސައްކަތް ކުރަންޖެހޭކަން ވެސް އެއީ ހަގީގަތެކެވެ. ރަށުގެ ގުދުރަތީ ނިޒާމުތަކާއި، ކާރިސާއެއް މެދުވެރިވާ ހާލަތުގައި އަމަލުކުރަންވީ ގޮތް ޒުވާން އާބާދީއަށް ބުނެދޭން ޖެހެއެވެ. ސުނާމީގެ ތަޖުރިބާ ނުކުރާ އެތައް ބަޔަކަށް އެކަމުގެ ބޮޑުމިނާއި، ދެން ދިމާވެދާނެ ކާރިސާއެއްގައި އަމަލުކުރަންވީ ގޮތް އަބަދާއި އަބަދު ބުނެދޭން ޖެހެއެވެ. އިދާރާއަކުން ކަމެއްކޮށްދިނީމާ ނޫނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުޑަމިނުން ވެލިބަސްތާއެއް ޖަހައިނުލައި ތިބޭ ތިބުން ވެސް ނިމުމަކަށް ގެންނަން ޖެހެއެވެ.

މިއަދު އަދި ސުނާމީގެ ނުރައްކަލެއް އަދި ނެތެވެ. ނަމަވެސް ކުއްލިކުއްލިއަށް ވާރޭ ވެހުމާއި، އުދަ އެރުމާއި، މި ނޫން އެތައް ކަމެއް އާއްމުކޮށް އެބަހިނގައެވެ. މި ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޚަރަދުކުރުމަށާއި، އެ ފަދަ ކަމެއް ކުރިމަތިވާ ހާލަތުގައި ރައްކާތެރިވެވޭނެ ގޮތެއް ހޯދުން މުހިންމެވެ.

comment ކޮމެންޓް