ރަށަށް ބޮޑު ރާޅެއް އަރައި ރަށް އަޑިޔަށް ދާ ވާހަކަ އަޑުއިވެން ފެށުމުން ވެސް އެންމެން އަވަސްވެ ގަތީ އެ މަންޒަރު ބެލުމަށް ގޮނޑުދޮށަށް ދިއުމަށެވެ. ރައްކާތެރިކަން ހޯދުމަށް ވުރެ އަޖުމަ ބެލުމަށް މާ އިސްކަން ދިނީ އެވެ. އެއީ މީގެ 12 އަހަރު ކުރި އެވެ. ސުނާމީ ކާރިސާގައި ރާއްޖެ އިން 82 މީހަކު މަރުވެ، 26 މީހަކު ގެއްލިފައިވާ އިރު، އެއީ ދިވެހިން ތާރީހުގައި ވެސް ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާ އެވެ. އޭރު އެފަދަ ކަމަކަށް ވިސްނިފައި ވެސް ދިވެހިންނަށްނެތީ އެވެ.
އެތައް ބަޔެއްގެ ގެދޮރު ގެއްލި މުޅި ރާއްޖެ ހުއްޓުމަކަށް އައި އެ ހާދިސާއަށް މިއަދު 12 އަހަރު ފުރޭ އިރު ލިބިގަންނަން ޖެހޭ އިބްރަތްތައް އިންތިހާއަށް ގިނައެވެ. އެ ދުވަހު ދިވެހިންނަށް ލިބުނު ގެއްލުން އެހާބޮޑުވެ އެތައް ބައެއް މަރުވެގެން ދިޔަ މައިގަނޑު ސަބަބަކީ އެކަށޭނަ ފިޔަވަޅުތަކެއް އެޅިފައިނެތުމެވެ. ހޭލުންތެރިކަން ދަށްވުމެވެ. މިއަދު ދިވެހިން އެކަންކަމަށް ތައްޔާރުބާ އެވެ؟
ފެން ކުންފުނީގެ ޕެނަލް ބޯޑަށް ދިމާވި މައްސަލައިގެ ސަބަބުން ވެރިރަށް މާލެ ފެނަށްޖެހި އެތައް ދުވަހެއްވުމާއި އުދަޔާއި ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކުހެން ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ދިވެހިން އަދި ވެސް ކުރިއާލާ ފިޔަވަޅުތައް އަޅާފައި ނުވާކަން ހާމަވެ އެވެ. އާންމުކޮށް އުދަ އަރައި ފެންބޮޑުވުމާއި ފެނަށް ޖެހޭ ރަށްރަށަށް ތަކުރާރުކޮށް އެ މައްސަލަ ދިމާވަމުން އަންނާތީ އެކަންކަމަށް އެކަށޭނަ ފިޔަވަޅު ނޭޅޭކަން ހާމަވެ އެވެ. އަލިފާނުގެ ހާދިސާތައް ހިނގައި އެތައް ބަޔަކު ހާލުގައި ޖެހޭ އިރު އިންޝުއަރެންސް ކޮށްފައި ހުންނަނީ މަދުފަހަރެއްގަ އެވެ.
ގުދުރަތީ ހާދިސާތަކަކީ އިންސާނުންނަށް ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އެކަންކަމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކަށޭނަ ފިޔަވަޅުތައް އެޅިދާނެ އެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ އެފަދަ ހާދިސާއެއް ކުރިމަތިވާކަށް ކުރިއާލާ ދެނެގަތުމެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރު (މެޓް)ގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ ރާއްޖެއާ ހިސާބަށް ގުދުރަތީ ކާރިސާއެއް އައުމުގެ ކުރިން އެކަންބަލައި ޔަގީން ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އެކަން އާންމުކޮށް އެންގުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
"އިންޑޮނޭޝިއާ އިން ބިންހެލުމެއް އައުމަށް ތިން ގަޑިއިރުވަރު ނަގާ، އޭގެ އެތައް އިރެއް ކުރިން އެނގޭނެ،" އަލީ ޝަރީފް ވިދާޅުވި އެވެ.
މިހާރު އަލަށް ގާއިމްކޮށްފައިވާ ވަސީލަތްތަކާ އެކު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ވުރެ ގާބިލް ނިޒާމެއްގެ ދަށުން މޫސުމަށް އަންނަ ބަދަލުތައް ބަލައި އާންމުނަށް ކުރިއާލާ އެނގޭނެ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.
ކާރިސާތަކަށް ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕުރޮޖެކްޓް މެނޭޖާ އުމަރު ފިކްރީ ވިދާޅުވީ ސުނާމީ ކާރިސާ ހިނގި އިރު ދިވެހި ތިބި ހާލަތަށް ވުރެ މިހާރު ދިވެހިން ކާރިސާތަކަށް ވެފައިވާ ތައްޔާރީތަކާއި ހޭލުންތެރިކަން ވެސް މާ އިތުރު ކަމަށެވެ. ނަމަވެސް ގައުމީ ފެންވަރެއްގައި އަދިވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގައި ވެސް ޑިޒާސްޓާ މެނޭޖްމަންޓުގެ ފޯކަލް ޕޮއިންޓުގައި ދެ ބޭފުޅަކު ތިއްބަވާނެ، ކާރިސާތަކުގައި އަމަލު ކުރާނެ ގޮތްގޮތަށް ހޭލުންތެރިކަމުގެ ޕުރޮގުރާމްތައް ހިންގިފައި،" އުމަރު ވިދާޅުވި އެވެ.
ސުނާމީއަކުން ރައްކާތެރިވުމަށް ކަނޑު އުޅަނދުފަހަރުގައި މާކަނޑަށް ނުކުތުމަށް ނުވަތަ އުސްތަންތަނަށް އެރުން ފަދަ ކަންކަން މީހުންނަށް ބުނެދީ މިހާރު ހޭލުންތެރިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާލުގައި ޖެހުމުން އެހީތެރިވެދިނުމަށް ތައްޔާރު؟
ގުދުރަތީ ބޮޑެތި ކާރިސާތަކާ އެކު މީހުންގެ ގެދޮރު ގެއްލުމާ އެކު ކެއިންބުއިމުގެ ހިދުމަތުން މަހުރޫމުވެ އެވެ. ހަމައެއާ އެކު އަސާސީ ހިދުމަތްތައް މެދުކެނޑިގެންދާއިރު އެންމެ އަވަހަށް ބޭނުންވާނެ ހިދުމަތީއެއީ އެވެ. ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަވަސްވެ ގަންނަންޖެހެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓާ ހިސާން ހަސަން ވިދާޅުވީ، ހާލުގައިޖެހޭ ފަރާތްތަކުން ވަގުތީ ހިޔާގައި ބައިތިއްބައިގެން އަސާސީ ހިދުމަތް ދިނުމުގެ ގާބިލްކަން އެސެންޓަރުގައި ހުރި ކަމަށެވެ. ހަމައެއާ އެކު ގައުމީ ފެންވަރެއްގެ ބޮޑު ކާރިސާއެއް ނަމަ މުޅި ދައުލަތް ގުޅިގެން ހިދުމަތްތައް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުން ވެސް ބުނަމުން އަންނަނީ ކާރިސާތަކަށް އެފަރާތްތަކުން ތައްޔާރު ކަމަށެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިން ތިބީ އެފަދަ ހާދިސާތަކަށް ތައްޔާރީ ހާލަތުގައި ޕްލޭންތައް ހަދައިގެން ކަމަށެވެ. ހުރި ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ދޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ސައުވީސް ގަޑިއިރު ޔުނީފޯމުގައި ވަޔާއި ކަނޑާއި އެއްގަމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން، ސިފައިން ތިބީ ތައްޔާރުގައި، އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭންތައް ވަނީ ހެދިފައި،" އާޒިމް ވިދާޅުވި އެވެ.
އަމަލުތައް ސީދާ ކުރަން ޖެހޭ!
މިއީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާ އިރު ސުނާމީ ފަދަ ބޮޑެތި މުސީބާތުތަކުން ސަލާމަތްވުމަށް މުސްލިމުންގެ އަހުލާގުގައި ދެމިތިބުން މުހިންމެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި އެފަދަ މުސީބާތުތަކުން ސަލާމަތްވުމަށްވުމަށް ހެޔޮއަމަލުތައް ކުރުމާ އެކު މާތްﷲ ހަޒުރަތުގައި ދުވާކުރަން ޖެހެ އެވެ.
އިސްލާމްދީން އަންގަވާފައިވާ ގޮތަށް އުޅުމާ އެކު ދުނިޔެވީ ގޮތުން އެފަދަ ހާދިސާތަކުން ސަލާމަތްވުމަށް ކުރިއާލާ ފިޔަވަޅުތައް އަޅައި ތައްޔާރުވާން ޖެހޭ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.
ކޮންމެއަކަސް ދިވެހިން ކާރިސާތަކަށް ހޭލައްވާލިތާ 12 އަހަރު މިއަދަށް ފުރޭއިރު ވެސް އަދިވެސް މިތިބެވެނީ ފަރުވާކުޑަގޮތެއްގަ އެވެ. ފަރުދީ ޒިންމާ ނުނެގި އެވެ. މިރާއްޖެއަކީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއްގައުމަށްވާއިރު ކާރިސާތަކުން ސަލާމަތްވުމަށް އެކަށޭނަ ފިޔަވަޅު ރަށު ފެންވަރުގަޔާއި ގައުމީ ފެންވަރުގައި ވެސް އަޅަންޖެހެ އެވެ. އިތުރު ހޭދަތަކެއްކޮށްގެން ނަމަވެސް ތިރި ރަށްތައް މާސިންގާ ރާޅުތަކުން ރައްކާތެރިވާނެ ނިޒާމެއް ހަމަޖައްސަންޖެހެ އެވެ.