ހައިޖެކްކުރި ފްލައިޓުގެ ކުރޫ ފިޔަވައި ހުރިހާ ފަސިންޖަރުން ދޫކޮށްލަނީ

ހައިޖެކްކުރި ފްލައިޓުގެ ބައެއް ފަސިންޖަރުން ފައިބަނީ: ފްލައިޓް ހައިޖެކްކުރި މީހުން ވަނީ ފްލައިޓްގެ ކުރޫ ފިޔަވައި ދެން ތިބި ހުރިހާ ފަސިންޖަރުން ދޫކުރާނެ ކަމަށް ބުނެފައި --- ފޮޓޯ/ އޭޕީ

ލީބިޔާގެ ސެބާ އިން ޓްރިޕޮލީ އަށް ދަތުރުކުރަމުންދަނިކޮށް ހައިޖެކް ކޮށް މޯލްޓާއަށް ޑައިވާޓްކުރި ލީބިޔާގެ އަފްރީގިޔާ އެއާވޭސްގެ މަތިންދާބޯޓުގެ ކުރޫއިން ފިޔަވައި ދެންތިބި އެންމެން ކަހަލަ ގޮތަކަށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހޭންޑް ގުރެނޭޑެއް ބޭނުންކޮށްގެން ފްލައިޓް ގޮއްވާލާނޭ ކަމަށް ބުނެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެއާބަސް އޭ320 މަރުކާގެ އެ ފްލައިޓް ހައިޖެކްކޮށް މޯލްޓާއަށް ޖެއްސިއިރު، އޭގައި 118 ފަސިންޖަރުން ތިއްބެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްލައިޓުގެ ހަތް ކުރޫ މެމްބަރުންނާއި 82 ފިރިހެންންނާއި 28 އަންހެނެއް އަދި ކުޑަކުއްޖަކު ހިމެނޭއިރު އެ އެންމެންނަކީ ވެސް ލީބިޔާގެ ރައްޔިތުން ކަމަށް ބެލެވެއެވެ.

ޓައިމްސް އޮފް މޯލްޓާއިން ރިޕޯޓްކުރާ ގޮތުގައި، ފްލައިޓް ހައިޖެކް ކޮށްފައިވަނީ ގައްޒާފީއަށް ތާއީދު ކުރާ ގްރޫޕެއް ކަމަށްވާ އަލް ފަތަހް އަލް ގަދީދާއަށް ނިސްބަތްވާ 20 އަހަރުގެ ދެ ޒުވާނުންނެވެ.

ފްލައިޓްގެ ކުރޫ ފިޔަވައި ހުރިހާ ފަސިންޖަރުން ފްލައިޓުން ދޫކޮށްލުމަށް އެމީހުން އެއްބަސްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން، ފްލައިޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން މިހާރު ފްލައިޓުން ފައިބާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްލައިޓްގެ ކުރޫ ދޫކޮށްލާނީ އެމީހުން ހުށަހަޅާ ކަންތައްތަކެއް ފުރިހަމަކޮށްދިނުމުން ކަމަށް ހައިޖެކްކުރި މީހުން ބުނި ކަމަށާއި ނަމަވެސް އެމީހުންގެ ހުށަހެޅުންތަކަކީ ކޮބައިކަމެއް އަދި ނޭނގެއެވެ. އަދި މިއީ ޓެރަރިޒަމްގެ އަމަލެއް ކަމެއް އަދި ސާފެއްނުވެއެވެ.

ލީބިއާގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ، ޓްރިޕޮލީ އެއާޕޯޓް ކޮންޓްރޯލާ ގުޅުން ކެނޑުމުގެ ކުރިން، ފްލައިޓް ލީބިއާގައި ޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ޕައިލެޓް ބުނި ކަމަށާއި ނަމަވެސް ހައިޖެކްކުރި މީހުން އެކަމާ ދެކޮޅު ހެދި ކަމަށެވެ.

comment ކޮމެންޓް