ތެޔޮ ސަޕްލައިކުރަން މެރީޑިއަމާ އެކު ހެދި އެއްބަސްވުން ދަމަހައްޓަން ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު --- ސަން ފައިލް ފޮޓޯ

ޑީސަލް ސަޕްލައިކުރަން މެރީޑިއަމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޖުނައިދު ވިދާޅުވީ އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމަށް މެރީޑިއަމާ އެކު ހަދާފައިވާ އެއްބަސްވުމަކީ ސައްޙަ ނޫން އެއްބަސްވުމެއް ކަމަށާއި އެފެދަ އެއްބަސްވުމެއް ދަމަހައްޓަން ސިވިލް ކޯޓުން ހުކުމް އިއްވީތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"ތެޔޮ ގަންނަންޖެހޭ އަގަށް ބައްލަވާ. ހަތް ރުފިޔާ އަށް ލިޓަރެއް ލިބެން އެބައޮތް. އެސްޓީއޯ އިން ވެސް މިހާރު ތެޔޮ ވިއްކަނީ އެންމެ އަށް ރުފިޔާއަށް ލިޓަރެއް. ހަމަ މިދަންނަވާ ޑީސަލް މެރިޑިއަމް ކިޔާ ކުންފުންޏަކުން 12 ރުފިޔާއަށް ލިޓަރެއް ގަންނަން ޖެހުމަކީ މިހައި ގިނަ ތެޔޮ ގަންނަން ޖެހޭ ކުންފުންޏަކަށް ލިބޭ ކިހާ ބޮޑު ގެއްލުމެއްތޯ،" ޖުނައިދު ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ސަރުކާރުކާރުގެ ކުންފުނިތައް ކުރިއަރުވަން މި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކުންފިނިތަކަށް އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ގޮތް މެދުވެރިވުމަކީ ދައުލަތަށާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކުންފުނިތަކަށް ހިންދެމިލެވޭނީ މިފަދަ ބޮޑެތި ގެއްލުންތަކުން ސަލާމަތްކުރެވި ކުންފުނިތައް ހިންގޭނެ ގޮތް މެދުވެރިވެގެންނޭ،" ޖުނައިދު ވިދާޅުވިއެވެ.

މެރީޑިއަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕޯޓްސް ލިމިޓެޑުން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރުމަށް ދޭތީ އެއްބަސްވުމާ ހިލާފުވިކަން ކަނޑައަޅައި ދިނުމަށް އެދި އެވެ.

އެ މައްސަލަ ނިންމައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމްޕީއެލުން މެރިޑިއަމް ނޫން އެހެން ފަރާތްތަކަށް ޑިސަލް ސަޕްލައިކުރަން ހަވާލުކުރަމުން ދަނީ މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މީގެ ކުރިން ފާހަގަކޮށްފައި ވަނީ މެރީޑިއަމަށް ތެޔޮ ސަޕްލައިކުރަން ހަވާލުކޮފައި ވަނީ ބިޑް ނުކޮށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެމްޕީއެލުން ކުރި އިއުލާނަކާ ގުޅިގެން ބިޑު ހުށަހަޅައިގެން އެންމެ މަތިން މާކްސް ހޯދީ މެރީޑިއަމް ކަމަށެވެ.

މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމުގައި މެރީޑިއަމް ނޫން އެހެން ފަރާތަކަށް ތެޔޮ ސަޕްލައިކުރަން ދިނުން މަނާ ކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އެ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ބިޑްކޮށްގެން ވަކި ފަރާތެއް އައްޔަން ކުރުމަކީ އެ އައްޔަން ކުރެވޭ ފަރާތް ނޫން އެހެން ފަރާތެއްގެ އަތުން ތެޔޮ ނުގަންނަ ކަން ޔަގީން ކުރުމަށް ކުރެވޭ މުއާމަލާތެއް ކަމަށެވެ.

އެެހެންކަމުން ބިޑް ކާމިޔާބުކުރި މެރީޑިއަމްއަށް އެމްޕީއެލްގެ ތެޔޮ ސަޕްލައިކުރަން ދިނީ އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރަން ދިނުން މަނާވެގަތުމަށް ފަހުކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެހުރިހާ ކަމެއް އެހެން ހުރުމުން މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ އެމްޕީއެލްއަށް އަންގައިފަ އެވެ.

މެރީޑިއާމްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމަށް އެކުންފުންޏާ ހަވާލުކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވައިލައްވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓު ނެރެފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވާނެ ކަމަށެވެ.

comment ކޮމެންޓް