ކްރިސްޓިއާނާ ރޮނާލްޑޯގެ ހެޓްރިކާ އެކު 4-2ގެ ނަތީޖާ އަކުން ޖަޕާންގެ ކަށިމާ އެންޓެލާސް ބަލިކޮށް ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ޖަޕާންގެ ޔޮކަހަމާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗުގައި އެގައުމުގެ އެތައް ހާސް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެ ކަށިމާއަށް ވަރުގަދަ ސަޕޯޓެއް ކޮށްފައެވެ. ނަމަވެސް މެޗުގެ ނުވަ ވަނަ މިނެޓްގައިި ކަރިމް ބެންޒެމާ ވަނީ ރެއާލްއަށް ލީޑް ނަގައިދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ކަށިމާއަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ގަކޫ ޝިބަސާކީއެވެ. އޭނާ ވަނީ ދެވަނަ ހާފްގެ ކުރީ ކޮޅުގައި އިތުރު ގޯލެއް ކާމިޔާބުކޮށް ކަށިމާއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީ ރެއާލް ސިއްސުވާލާފައެވެ.
ކަށިމާއަށް ލީޑުގައި އޮވެވުނީ އެންމެ ހަ މިނެޓްގައެވެ. ރެއާލަށް ނަތީޖާއެއްވަރުކޮށްދިން ގޯލު 60 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބްކުރީ ޕެނަލްޓީއަކުންނެވެ.
އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ރޮނާލްޑޯ ވަނީ ނަތީޖާ ނެރެން ކުޅުނު 15 މިނެޓްގެ ދެ ހާފްގެ ތެރޭގައި ދެ ގޯލު ކާމިޔާބްކޮށް ހެޓްރިކެއް ފުރިހަމަކޮށް ރެއާލަށް ދެވަނަ ފަހަރަށް ކްލަބް ވޯލްޑްކަޕް ތަށި ހޯދަ ދީފަ އެވެ.
ރެއާލްގެ އެ މޮޅާއެކު އެ ޓީމް ވަނީ މެޗަކުން ބަލިނުވެ 37 މެޗު ހަމަކޮށްފަ އެވެ.