ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދުމަށް ކުޅެމުންދާ ޕްލޭ އޮފް މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރެއާލުން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ ފަަހަތުން އަރާ 2-3 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ.
މި މެޗުގެ ފެށުން ރެއާލްގެ ރަނގަޅުވި ނަމަވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފާވަނީ ސިޓީއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ސިޓީއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ހާފު ސިޓީއިން މިހާތަނަށް މި ސީޒަންގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް ޓީމާއެކު ފެށި ނަމަވެސް އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެންވީ އިރަށް އަނެއްކާ ވެސް ފެންމަތިވެފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ޖެކް ގްރީލިޝް ބާލަން ޖެހުނުއިރު ދެވަނަ ހާފަށް ސިޓީއިން ނިކުތީ މަނުއެލް އަކާންޖީއާ ނުލައެވެ.
މި މެޗުގައި ރެއާލުން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކުރި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ކިލިއަން އެމްބާޕޭއެވެ.
މިއާއެކު ދެން ފެނުނީ ސިޓީގެ ޑިފެންސުން ނޭތަން އަކޭ ވެސް ބޭލި ތަނެވެ. މި މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަނަވަސް ކޮށްފައިވަނީ ރެއާލުންނެވެ.
ނަމަވެސް މިއާއެކު ވެސް ސިޓީއިން މީގެތެރެއިން ގިނަ ހަމަލާތައް ދިފާއުކޮށް މެޗުގެ ލީޑު ދެވަނަ ފަހަރަށް މެޗުގެ 80 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީއަކުން ނެގިއެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހާލަންޑެވެ.
ނަމަވެސް މިއާއެކު ސިޓީގެ އުމުރުން ދުވަސް ވަމުން އަންނަ ސީނިއާ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނި އެ ކަމުގެ ފައިދާ ރެއާލަށް ފުރިހަމައަށް ނެގިގެންދިޔައެވެ. މި މެޗުގައި ރެއާލުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 86 ވަނަ މިނެޓުގައި ސިޓީއަށް ގިނަ ހަމަލާތަކެއް ދިފާއުކޮށްދިން ކީޕާ އެޑަސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރަހީމް ޑިއާޒްއެވެ.
އަދި މި މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ހީވި ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖޫޑް ބެލިންހަމްވަނީ ރެއާލަށް މެޗުގެ ލީޑު ނަގައިދީ މި އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނިކުންނައިރު އެއް މެޗުގެ ލީޑެއް ނަގައިދީފައެވެ.
މި މެޗުން ބަލިވުމުން ސިޓީއިން ފަހު 16 ބުރުން ޖާގަހޯދުމަށް ކުޑަ ވެސް އުންމީދެއް އޮތީ މި އަންނަ ހަފްތާގައި ރެއާލް ބަލިކޮށްގެންނެވެ. ނަމަވެސް މި މެޗުން މިކުން ނަތީޖާއެކު މިހާރު ފަހު 16 ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ރެއާލަށް މިވަނީ ބޮޑުވެގެން ގޮސްފައެވެ.