ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބްރެސްޓް ބައްދަލުކުރި މެޗު ރެއާލްއިން ކާމިޔާބު ކޮށްފިއެވެ.
ލީގު ފޭސްގައި ރެއާލް ކުޅުނު ފަހު މެޗު ރަށުން ބޭރުގައި ކުޅެ ކާމިޔާބު ކޮށފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ.
މި މެޗުގައި ބްރެސްޓްގެ ފެށުން ރަނގަޅުވި ނަމަވެސް ފުރަތަމަ ހާފުގެ މެދަކާ ހިސާބުން ރެއާލްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ލީޑު ނަގައިފައެވެ. މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ.
މި މެޗުގައި ލުޑޮވިޗް އަޔޯކޫ ޖަހައިދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ބްރެސްޓްއަށް ހީވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.
މި މެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އަދި ފަހު ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރޮޑްރިގޯއެވެ.
މި މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ހޯދުމުގެ ކުޑަވެސް ފުރުސަތެއް ލިބެން އޮތީ މި މެޗުން މޮޅުވެގެން ނަމަވެސް މި ކާމިޔާބީ އާއެކުވެސް ރެއާލްއަށް ފަރުޖައްސާލަން ޖެހުނި ޕްލޭ އޮފް ޖާގައަކައެކުއެވެ.
މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ލެވަކޫސެން، ލީލް އަދި އެސްޓަން ވިލާއިން އެ ދެ ޓީމު ކުޅުނު ދެމެޗު ކާމިޔާބު ކުރުމެވެ. މި ފަހަރުގެ މުބާރާތުގައި ރެއާލްއަށް ޕްލޭ އޮފް ޖާގަ އަކާއެކު ފަރުޖައްސަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައި މި ފަހަރުގެ މުބާރާތުގެ ކުރީކޮޅު އެންމެ ރަނގަޅު ކުޅުމެއް ރެއާލްގެ ފަރާތުން ފެނިގެން ނުދިޔުމެވެ.
މިގޮތުން އެންމެ ފުރަތަމަ ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. ނަމަވެސް ފަހަކަށް އައިސް ރެއާލްގެ ޓީމު ހަމައަކަށް އެޅެމުންދާކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށައިފައެވެ. މިގޮތުން ކިލިއަން އެމްބާޕޭ ޓީމަށް ހޭނި ލަނޑު ޖަހަން ފަށާފައިވާއިރު ރޮޑްރިގޯވެސް ވަނީ ގިނަ ދުވަސް ތަކަކަށް ފަހު އަނެއްކާވެސް ލަނޑު ޖެހުމަށް އެނބުރި އައިސްފައެވެ.
މި ކާމިޔާބީއާއެކު ރެއާލްއިން ލީގު ފޭސް ނިންމާލާފައިވަނީ 15 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގާ އޮވެގެންނެވެ. އަދި ބްރެސްޓް މިމެޗުން ބަލިވުމާއެކުވެސް ވަނީ ޕްލޭ އޮފްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެ ޓީމު ލީގު ފޭސް ނިންމާލީ 13 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައި އޮވެގެންނެވެ.
މި މުބާރާތުގައި ލެވަކޫސެން އާއި ސްޕާޓާ ޕްރާގް ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ލެވަކޫސެންއިން ވަނީ ސީދާ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މި މެޗުގައި ލެވަކޫސެންއިން ކާމިޔާބު ކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްލޮރިއަން ވާޓްޒް އާއި ނޭތަން ޓޭލާއެވެ. މި ކާމިޔާބީއާއެކު ލެވަކޫސެން ލީގު ފޭސް ނިންމާލީ 16 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައި އޮވެގެންނެވެ. ހަމަ އެއާއެކު ބޮރޫޝިއާ ޑޯޓްމުންޑް އާއި ޝަކްޓާ ޑޮނެސްކް ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށް ޑޯޓްމަންޑް ވެސް ވަނީ ޕްލޭ އޮފްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ޑޯޓްމުންޑަށް ވެސް ދާއިމީ ޖާގައެއް ލިބިގެން ނުދިޔައީ ލެވަކޫސެން، ލީލް އަދި ވިލާއިން އެ ޓީމުގެ ތަކުގެ މެޗުތަށް ކާމިޔާބު ކުރުމުންނެވެ. މި މެޗުގައި ޑޯޓްމުންޑްގެ ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާހޫ ގިރާސީ އާއި ރެމްސީ ބެންސެބައިނީއެވެ. އަދި ޝަކްޓާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާލޮން ގޯމޭޒްއެވެ. މި ކާމިޔާބީއާއެކު ޑޯޓްމުންޑް ލީގު ފޭސް ނިންމާލާފައިވަނީ 15 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގާ އޮވެގެންނެވެ. އަދި ޝަކްޓާ ދިޔައީ ހަތް ޕޮއިންޓާއެކު 27 ވަނަ އަށެވެ.