ސްޕެނިޝް ލަލީގާގައި އޮސަސޫނާއިން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިފަހައްޓާލައިފިއެވެ.
އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑާ އެކު ރެއާލުން ވަނީ މެޗުގެ ލީޑު ވެސް ނަގައިފައެވެ. ނަމަވެސް، މެޗުގައި ރެއާލަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމުގެ މެދުތެރެއަށް ކުޅޭ ޖޫޑް ބެލިންހަމް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ އެކު ހިތްހަމަނުޖެހިފައިވާ ބެލިންހަމް ބުނި އެއްޗަކާ ގުޅިގެން ރެފްރީވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މި ކާޑާ އެކު ރެއާލްގެ ފަރާތުން ކުރިން ފެނުނު އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތެއް ނުވިއެވެ. އަދި، މެޗުގެ 58 ވަނަ މިނެޓުގައި އޮސަސުނާއަށް ލިބުނު ޕެނަލްޓީއަކުން އެންޓޭ ބުޑިމީރުވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ބެލިންހަމްވަނީ އޭނާ ކުރި ފައުލާ ގުޅިގެން އޭނާ ހިތްހަމަ ނުޖެހިފައި ހުރީ ނަފުސާ ދޭތެރޭ ކަމަށާއި ބުނި އެއްޗެއް ބުނީވެސް އޭނާ އަމިއްލަ ނަފްސަށް ނިސްބަތްކޮށް ކަމަށެވެ. އެ ވަގުތު އޭނާ ހުރީ ރެފްރީއަށް ދިމާއަށް ބަލަހައްޓައިގެން ނޫން ކަމަށް ވެސް ބެލިންހަމް ބުންޏެވެ. އެއީ މިސްއަންޑަސްޓޭންޑިންއެއް ކަމަށް އޭނާ ބުންޏެވެ.
މެޗު އެއްވަރުވުމުން ރެއާލް މިހާރު އޮތީ ކުޅުނު 24 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު އެއްވަނައިގައެވެ. އޮސަސޫނާ އޮތީ 32 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.
ރެއާލްގެ މެޗު އެއްވަރުވުމުގެ ފައިދާ ނެގުމަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމަށް ވެސް ވަނީ ހިފޭގޮތް ނުވެފައެވެ. އެތުލެޓިކޯއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗު ކާމިޔާބުކުރެވުނު ނަމަ އެ ޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނީހެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް މެޗުގެ ލީޑު ސެލްޓާއަށް ނަގައިދިނީ އިއާގޯ އަސްޕާސްއެވެ. އެތުލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 81 ވަނަ މިނެޓުގައި އެލެގްޒެންޑާ ސޯލޮތެވެ. މެޗު އެއްވަރުވުމުން އެތުލެޓިކޯ މިހާރު އޮތީ 50 ޕޮއިންޓާ އެކު ދެވަނައިގައެވެ. އަދި، ސެލްޓާ އޮތީ 29 ޕޮއިންޓާ އެކު 12 ވަނައިގައެވެ.
ރެއާލާއި އެތުލެޓިކޯ ވެސް އެއްވަރުވުމުގެ ފައިދާ ތިންވަނައިގައި އޮތް އެފްސީ ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރާ މެޗު ބާސާއަށް ކާމިޔާބު ކުރެވިއްޖެނަމަ އެ ޓީމަށް ނެގޭނެއެވެ. އެ މެޗުން މޮޅުވެ، ފައިދާ ގޯލުގެ ތަފާތުން އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.