އުސާމާ ބިން ލާދިންގެ ދަރިއަކު މިސްރަށް ވަނުން މަނާކޮށް ޑީޕޯޓްކޮށްލައިފި

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިންގެ ހަތަރު ވަނަ އަށް އެންމެ ދޮށީ ދަރި އުމަރު ބިން ލާދިން ---

ކައިރޯ (އޭޕީ) -- އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިންލާދިންގެ ހަތަރު ވަނައަށް އެންމެ ދޮށީ ދަރި އުމަރު ބިން ލާދިން މިސްރަށް ވަނުން މަނާކޮށް ތުރުުކީއަށް ޑީޕޯޓް ކޮށްލައިފިއެވެ.

އުމަރު ބިން ލާދިން އާއި އޭނާގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ އަންހެނުން، ޒައިނާ އަލް ސަބާހް މިސްރަށް ވަނުން މަނާކުރީ، އިއްޔެ ގަތަރުން މިސްރަށް ދިއުމުން، އެމީހުންގެ އަތުގައި އޮތް ސައުދީ ޕާސްޕޯޓް ޗެކްކުރުމަށް ފަހުއެވެ.

ސެކިއުރިޓީ އޮފިޝަލުން ބުނި ގޮތުގައި، އެމީހުން މިސްރަށް ވަނުން މަނާކުރީ އެގައުމަށް ވަނުން މަނާ މީހުންގެ ލިސްޓުގައި އުމަރު ބިން ލާދިންގެ ނަން އޮތުމުން ކަމަށެވެ. އަދި އެމީހުން ތުރުކީއަށް ޑީޕޯޓްކޮށްލީ އެމީހުންގެ އެދުމުގެ މަތިން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މީގެ ކުރިން 2008 ވަނަ އަހަރުވެސް މިސްރަށް ވަނުން އެގައުމުގެ ސަރުކާރުން މަނާކުރި ނަމަވެސް، މިސްރަށް ވަނުން މަނާ ލިސްޓުގައި އޭނާގެ ނަން އޮންނަންޖެހޭ އެއްވެސް ސަބަބެއް ބުނެފައިނުވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

މިސްރުގެ އިތުރުން، އިނގިރޭސިވިލާތަށް ވަނުމަށް ވެސް އުމަރު ބިން ލާދިންއަށް މީގެ ކުރިން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އަންހެނުންނާއެކު އިނގިރޭސި ވިލާތުގެ ރަށްވެހިކަން ހޯދުމަށް ކުރި މަސައްކަތްވެސް އޭރު ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް އީޔޫގެ އެހެން ގައުމުތަކުގައި ދަތުރުކުރުމުގެ އެއްވެސް ދައްޗެއް އުމަރު ބިން ލާދިން އަކަށް ކުރިމައްޗެއްނުވެއެވެ.

ޕާކިސްތާނުގައި ފިލައިގެން 10 އަހަރު ވަންދެން އުޅެނިކޮށް އެމެރިކާގެ ސިފައިން އުސާމާ ބިން ލާދިން މަރާލާފައި ވަނީ 2011 ވަނަ އަހަރުއެވެ.

comment ކޮމެންޓް