ޓްރަމްޕާ ބައްދަލުކުރަން މިސްރުގެ ރައީސް ބޭނުންފުޅެއް ނުވޭ: ރިޕޯޓް

މިސްރުގެ ރައީސް ސީސީ

ގާހިރާ (13 ފެބްރުއަރީ 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު މިސްރުގެ ރައީސް އަބްދުލްފައްތާހް އަލްސީސީ ގަބޫލުނުކުރައްވައި ސީސީގެ ބަދަލުގައި ޓްރަމްޕާ ބައްދަލުކުރަން މިސްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުލްއާތީ އެމެރިކާއަށް ފޮނުވުމާމެދު ސީސީ ވިސްނަވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ނަން ހާމަކުރަން ނޭދޭ މިސްރުގެ މަސްއޫލުވެރިއަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމާ ބެހޭގޮތުން ޓްރަމްޕް ދައްކަވާ ވާހަކަތަކާއި އޭނާގެ ސިޔާސަތުތަކާ މިސްރު ވަރަށް ބޮޑަށް ދެކޮޅެވެ.

އެެހެންކަމުން މި މައްސަލާގައި ޓްރަމްޕާ މަޝްވަރާކުރައްވަން ރައީސް އަބްދުލްފައްތާޙް އަލްސީސީ ބޭނުންފުޅެއް ނުވެއެވެ.

މިދަނޑިވަޅުގައި ސީސީ ޓްރަމްޕްގެ ދައުވަތު ގަބޫލުކުރައްވައި ވޮޝިންޓަނަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރައްވައިފިނަމަ މިސްރުގެ ރައްޔިތުންގެ ކުރިމަތީގައި ސީސީގެ އަގު ވެއްޓިދާނެކަމުގެ ކަންބޮޑުވުން ސީސީ އިހްސާސްކުރައްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިސްރުގެ ކުރީގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ސިސީ ޓްރަމްޕާ ބައްދަލުކުރައްވައިފިނަމަ އަރަބި އިސްލާމީ ދުނިޔޭގައި މިސްރުގެ އަގު ވަރަށް ބޮޑަށް ވެއްޓި ހިނގައިދާނެއެވެ. ނަން ހާމަކުރަން ނޭދޭ މިސްރުގެ އެ މަސްއޫލުވެރިޔާ ވިދާޅުވި ގޮތުގައި ޓްރަމްޕާ ބައްދަލުކުރަން މިސްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުލްއާތީ ފޮނުވުމާމެދު ރައީސް ސީސީ ގެންދަވަނީ ވިސްނަވަމުންނެވެ.

ޣައްޒާއާ ބެހޭގޮތުން ޓްރަމްޕާ މަޝްވަރާ ކުރައްވަން ސީސީ ވޮޝިންޓަނަށް ވަޑައިނުގަންނަވާނެކަން ގާތްގަނޑަކަށް މިހާރު ޔަގީންކަމަށް ވެސް ސްއޫލުވެރިޔާ ވިދާޅުވިއެވެ. މިސްރުގެ ސަލާމަތީ މަސްދަރުތަކަކުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޣައްޒާއާ ބެހޭގޮތުން މަޝްވަރާ ކުރައްވަން އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށްވެސް ޓްރަމްޕް ދައުވަތު ދެއްވިއެވެ. މިދައުވަތަށް އަބްދުﷲ ވައިޓް ހައުސްއަށް ވަޑައިގެން ޓްރަމްޕާ މަޝްވަރާކުރެއްވިއިރު ޓްރަމްޕްގެ ފަރާތުން ބޮޑެތި ފިއްތުންތަކަށް އަބްދުﷲ އަށް ކުރިމަތި ކުރުވިކަމަށް ވެއެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް އެ މީހުން އުރުދުންގައި ވަޒަންވެރި ކުރުވުމުގެ ޖަރީމާއަށް އަބްދުﷲ އެއްބަސްކުރުވުމަށް ޓްރަމްޕް ވަރަށް ބޮޑަށް ޕްރެޝަރު ކުރެއްވުމުން އެކަމާ އަބްދުﷲ ވަރަށްބޮޑަށް ހިތް ނުތަނަވަސްވެ ކަންބޮޑުވެ ވަޑައިގެންނެވިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕާ ކުރެއްވި މަޝްވަރާތަކަށްފަހު ޓްރަމްޕާއެކު ވައިޓްހައުސްގައި ބޭއްވި ނޫސްކޮންފަރެންސްގައި އަބްދުﷲ ގެ މޫނުމަތިން މިކަން ފެނިގެން ދިޔަކަން މުރާސިލުން ފާހަގަ ކުރެއެވެ. އަބްދުﷲ ހުންނެވީ ވަރަށް ކަންބޮޑުވެ ވަޑައިގެންފައެވެ. އަބްދުﷲ ގެ މޫނުމަތިން ފެނުނީ ހާސްކަމާއި ކަންބޮޑުވެފައިވާ މިންވަރެެވެ.

މިއާއެކު ވެސް ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމުގެ ނުރައްކާތެރި ޕްލޭނަށް ޓްރަމްޕްގެ ކުރިމަތީގައި ފާޅުގައި ދެކޮޅު ހައްދަވަން އަބްދުﷲ އަށް ކެރިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އުރުދުންގެ ރައްޔިތުން ގެ ޝުއޫރުތަކަށް ބައްލަވައި އެކަމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވާން ވެސް އަބްދުﷲ އަށް ކެރިވަޑައިގެންފައެއް ނުވެއެވެ.

ނަތީޖާއަކަށްވީ އަބްދުﷲ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ލަދުވެތި ހާލަތަކަށް ދިޔުމެވެ. އޭނާއަކީ ފިނޑިއެއްކަމަށް ސިފަވެގެން ދިޔުމެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީވެސް މިދަނޑިވަޅުގައި ޓްރަމްޕާ ބައްދަލުކުރައްވައިފިނަމަ މިފަދަ ބޭޒާރުކުރަނިވި ހާލަތަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އޮތްކަން މިސްރުގެ ކުރީގެ މަސްއޫލުވެރިން ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ޓްރަމްޕްގެ ދައުވަތު ގަބޫލު ނުކުރެއްވުމަށް މިސްރުގެ ކުރީގެ އިސް ޑިޕްލޮމެޓުންވަނީ ސީސީއަށް އިލްތިމާސްކުރައްވާފައެވެ.

ކުރިން އެމެރިކާގެ ރައީސާ ބައްދަލުކުރެއްވުމަކީ މިސްރާއި އުރުދުން ފަދަ އެމެރިކާއަށް ބަރޯސާވާ އަރަބި ލީޑަރުންގެ ބޮޑު އުފަލެކެވެ. ނަމަވެސް އެކަން މިހާރު މިވަނީ ހިތާމައަކަށް ބަދަލުވެފައެވެ. މިހާރު އެމެރިކާގެ ރައީސާ ބައްދަލުކުރުން މިވަނީ ބޮޑު ލަދުވެތި ކަމަކަށެވެ. ކުރަންނުކެރޭ އަދި އެއިން ސަލާމަތްވާނެ މަގެއް ހޯދަންޖެހިފައިވާ ކަމަކަށެވެ. މިއީ މިކަމާ ބެހޭގޮތުން އަލްޖަޒީރާގައި ޚިޔާލު ފާޅުކުރެއްވި މުހައްލިލުން ވިދާޅުވެފައިވާ ވާހަކަތަކެވެ.

comment ކޮމެންޓް