އާންމާން (27 ޖަނަވަރީ 2025): އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުން އުރުދުނާއި މިސްރަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އެދެގައުމުން ފާޅުގައި ދެކޮޅު ހަދައިފިއެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަނުއް ސަފަދީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ. ޣައްޒާ އޮންނާނީ ޣައްޒާގެ ރައްޔިތުންނަށް ކަމަށާއި އުރުދުން އޮންނާނީ އުރުދުންގެ ރައްޔިތުންނަށް ކަމަށް ސަފަދީ ވިދާޅުވިއެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ފަލަސްތީނުގެ އެއްވެސް ސަރަހައްދެއްގެ ބަޔަކު ފަލަސްތީނުން ބޭރުކޮށް އެހެން ގައުމަކަށް ގެންދިޔުމަކީ އުރުދުންގެ ދެކޮޅު ހަދާނެ ކަމެކެވެ. އުރުދުން އިން އެކަމަށް އެއްބާރުލުން ނުދޭނެ ކަމަށާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ޖެހޭނީ އިސްރާއީލުގެ އަތްދަށުން ފަލަސްތީނުގެ ބިންތައް މިނިވަންކޮށް އެބިންތަކުގައި ފަލަސްތީނަށް ދައުލަތެއް އުފައްދައިދިނުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާގޮތުން ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަކީ މިސްރު ދެކޮޅު ހަދާކަމެކެވެ. އަދި އެކަމަށް އެއްބާރުލުން ދޭނެކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަން ގެއްލިގެންދާނެތީއެވެ.
އެއްވެސް ސަބަބަކާހެދި ވަގުތީގޮތުންކަމަށްވިޔަސް އަދި ދިގުމުއްދަތަކަށް ވިޔަސް ފަލަސްތީނުގެ އެއްވެސް ސަރަހައްދެއްގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރާގޮތަށް ހިންގާ އެއްވެސް އަމަލަކަށް ނޫނީ ހަރަކާތަކަށް މިސްރުގެ އެއްބާރުލުމާއި ތާއީދު ނުލިބޭނެކަމަށް މި ބަޔާން ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ތަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށް މިސްރަށާއި އުރުދުންއަށް ގެންގޮސް އެ ދެ ގައުމުގައި އެމީހުން ވަޒަންވެރި ކުރުވުމަށް ގޮވާލައްވާފައެވެ.
މިކަމާގުޅޭގޮތުން އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާ ވާހަކަ ދައްކާފައިވާނެ ކަމަށާއި މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އާ ވެސް މިކަމާގުޅޭގޮތުން ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެކަމަށް އިއްޔެ ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުވަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފައެވެ. ނަމަވެސް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުންވަނީ މިކަން ކުރިޔަ ނުދޭނެކަމުގެ އިންޒާރު ޓްރަމްޕަށް ދީފައެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލުން ޙާލުގައި ޖައްސާފައިވާ ޣައްޒާގެ ރައްޔިތުން އުރުދުނާއި މިސްރަށް ގެންދިޔުމަކީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ބާރުއަޅައި އެކަމަށް އިސްރާއީލު އެއްބަސް ކުރުވުމަށް ޓްރަމްޕް ބޭނުންކުރެއްވި ޓޫލްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދިޔަ ގަތުލުއާންމުތައް ހުއްޓާލައިފިނަމަ އޭގެބަދަލުގައި އިސްރާއީލަށް ކޮށްދޭން ޓްރަމްޕް ވި ވައުދުތަކުގެ ތެރޭގައި މިކަން ހިމެނެއެވެ.
މުހައްލިލުން ވިދާޅުވާ އިސްރާއީލަށް ކޮށްދޭނެ ކަމަށް ޓްރަމްޕް ވަައުުދުވި އަނެއްކަމަކީ ސައޫދީ އަރަބިއާ އާއި އެނޫންވެސް އަރަބި ގައުމުތަކުގެ އިއުތިރާފް އިސްރާއީލަށް ހޯދައި ދިނުމެވެ. ސައޫދީ އަރަބިއާ އާއި އެނޫންވެސް އަރަބި ގައުމުތަކުގެ އިއުތިރާފް އިސްރާއީލަށް ހޯދައިދީ އިސްރާއީލާ ގުޅުންތައް އުފެއްދުމަށް އެގައުމުތަކަށް އެމެރިކާގެ ފަރާތުން ޕްރެޝަރުކުރާނެކަމުގެ ޔަގީންކަން އިސްރާއީލަށް ދިނުމެވެ.
އެމެރިކާ އާއި އިސްރާއީލު ހީކުރިގޮތަށް ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގައި އެއްބާރުލުން ނުދޭނެކަމަށް މިސްރާއި އުރުދުން ފާޅުގައި ބުނުމުން މިއީ އަމަލީގޮތުން ކުރެވޭނެކަމެއް ނޫންކަން މިހާރު އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ކަށަވަރުވާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުން މަރައި ހޮސްޕިޓަލްތަކަށް ބޮންއަޅައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސީ ޣައްޒާގެ ރައްޔިތުން މަރަށް ބިރަށް އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ މަގްސަދުގައެވެ. މިގޮތަށް އަނިޔާކުރުމުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަންދޫކޮށް އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާނެކަމުގެ އުންމީދުގައެވެ.
ނަމަވެސް އެކަން އެގޮތަށް ނުވުމުން ދެން އިސްރާއީލު މަސައްކަތްކުރީ އެމެރިކާ މެދުވެރިކޮށް އަރަބިންނަށް ފިއްތުންތައް ކުރިމަތިކޮށްގެން އެކަން ކުރުމަށެވެ. ނަމަވެސް މިގޮތަށްވެސް އެކަން ނުކުރެވޭނެކަން މިހާރު މިވަނީ ޔަގީންވެފައެވެ.
ޣައްޒާގެ ރައްޔިތުން މިސްރާއީ އުރުދުންއަށް ގެނަސް އެދެގައުމުގައި ވަޒަންވެރިކުރުވުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އެދެގައުމު ދެކޮޅު ހެދީ ކޮންމެހެން ޣައްޒާ ރައްޔިތުންގެ މަސްލަހަތަށްޓަކައެއް ނޫނެވެ. އެކަންކުރުމަށް ދެކޮޅު ހެދީ އެކަމުގެ ސަބަބުން އުރުދުންއާއި މިސްރުގެ ގައުމީ މަސްލަހަތަށް ނުރައްކާވެދާނެތީއެވެ.