މިސްރާއި އުރުދުންއަށް ފަލަސްތީނުގެ ގިނަ ބަޔަކު ގެންދަންޖެހޭ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އިންސާނީ ހާލަތު ގޯސްވެފައިވާ އެ ސަރަހައްދުގެ ގިނަ ބަޔަކު ގެންދަން ޖެހޭނީ މިސްރާއި އުރުދުންއަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓަރަމްޕް ވިދާޅުވީ މިއީ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ކުރަން ޖެހިދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު އެމަނިކުފާނަށް ދެންނެވިން އަޅުގަނޑު ބޭނުންވަނީ ޢުރުދުން އިން ޣައްޒާގެ ގިނަ ބަޔަކު ގެންދަން ކަމަށް. މިވަގުތު މުޅި ޣައްޒާއަށް ބަލާއިރު، މުޅި ތަން އޮތީ ސުންނާފަތިވެފައި." މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެން ޓްރަމްޕް އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް ކުރެއްވި ފޯނު ކޯލަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ އާދީއްތަ ދުވަހު ވާހަކަ ދައްކަވާނެ ކަމަށާއި، މިސްރުން ވެސް ޣައްޒާ މީހުން ގެންދަން އެދިވަޑައިގަންނަވާނެ ކަމަށެވެ.

އެމެރިކާއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގެދޮރު ނެރުމާ ދެކޮޅު ހަދާ ކަމަށް މިދިޔަ އަހަރު ބުނެފައެވެ.

ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން އެތައް ދުވަހެއް ވަންދެން ޣައްޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް މުޅި އާބާދީ ގެދޮރު ދޫކޮށް ބަނޑުހައިހޫނުކަމުގެ ދަތިކަމާ ވަނީ ކުރިމަތުލާންޖެހިފައެވެ.

އިސްރާއީލަށް ތާއީދު ކުރާތީ އެމެރިކާއަށް ވެސް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެކަން އެގޮތަށް ކުރަނީ ޣައްޒާގެ ހަމާސް އާއި ލުބުނާނުގެ ހިޒްބުالله އަދި ޔަމަނުގެ ހޫތީން ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުން އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައަކަށްވާތީ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އިސްރާއީލާއި ޣައްޒާ ހަނގުރާމަ ފެށުމުގެ ކުރިން ފަލަސްތީނު ސަރަހައްދުގެ އާބާދީއަކީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތައް ހުއްޓާލީ މި މަހުގެ 19 ދުވަހު މިސްރާއި ޤަތަރު އަދި އެމެރިކާ މެދުވެރިވެގެން ހުށަހެޅި އެއްބަސްވުމެއްގެ ދަށުންނެވެ.

comment ކޮމެންޓް