ރާއްޖެއިން ދެ ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައި ވުމާ އެކު، ޒިކާ ވައިރަހުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގައި ދުވަސް ހޭދަކޮށްފައި ފުރި ތިން ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ އިރު، މިއަހަރުގެ ތެރޭގައި ދެ ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިރޭ ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭއިން ބުނީ، ޒިކާ ވައިރަހަކީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ނޫން ކަމަށް މިއަހަރުގެ ނޮވެމްބަރު މަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް، ރާއްޖެއިން ދެ ދިވެއްސަކު ޒިކާއަށް ޕޮޒިޓިވް ވުމާއި އެކު ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތީ، ރާއްޖޭގައި މިބަލިން ރައްކާތެރިވުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އެގޮތުން، މި ބައްޔާއި ގުޅިގެން ކުޑަކުދިންނަށް ކުރިމަތިވާ މައިކްރޯސެފަލީ ކިޔާ ހާލަތަކީ މާބަނޑު އަންހެނުންގެ ފަރާތުން ކުދިންނަށް ވާރުތަކުރާ ކަމެއް ކަމުން، މާބަނޑު ދުވަސްވަރު ޖިންސީ ގުޅުން ހިންގާ އިރު ރައްކާތެރިވުމުގެ ގޮތުން ހުރަސް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
އަދި މާބަނޑުވުމަށް ގަސްދުކުރާ ނަމަ، ޑޮކްޓަރުންނާ ބައްދަލުކޮށް، ޒިކާ ވައިރަހާ ބެހޭ މައުލޫމާތު ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ޒިކާ ވައިރަސް ފެތުރެނީ ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ މަދިރީގެ ޒަރިއްޔާއިން ކަމަށް ވުމުން، މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާ ފަދަ، ދޫ ހެދުން އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ބައެއް މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.
ނަމަވެސް މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.