ނަފުސާނީ ބައްޔަށް ފަރުވާދޭ ކެޕޭސިޓީ އިތުރުކުރެވުމުގެ ސަބަބުން، ކިޔޫ ވަނީ "ސުމަކަށް ބަދަލުކުރެވިފައި": ގީލާ

ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދުގެ ޖަލްސާގައި: ވިދާޅުވީ ނަފުސާނީ ބައްޔަށް ފަރުވާކުރާ މީހުންގެ ކިޔޫ ސުމަކަށް ބަދަލުކުރެވިފައިވާ ކަމަށް --- ފޮޓޯ: މަޖިލިސް

ނަފުސާނީ ބައްޔަށް ފަރުވާދޭ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން މިހާރު ކިޔޫ އެއްކޮށް ސުމަކަށް ބަދަލުކޮށްލެވިއްޖެ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ފޯރުކޮށްދޭ ކެޕޭސިޓީ އިތުރުކުރުމުގެ ސަބަބުން ކިޔޫގައި ތިބި ފަރާތްތައް މަދުކުރެވިފައިވާ ކަމަށެވެ.

"ނަފްސާނީ ފަރުވާގެ ފޯރުކޮށްދޭ ކެޕޭސިޓީ އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން 200 ޕޭޝަންޓުންނަށް ވުރެ ގިނައިން ކިޔޫގައި ތިބި ފަރާތްތައް މިހާރު ވަނީ މަދުކުރެވި ސުމަކަށް ބަދަލުކުރެވިފަ،" ޤީލާ ވިދާޅުވިއެވެ.

ރާއްޖޭން ނަފްސާނީ ފަރުވާ ހޯދުމަކީ ޒަމާނުންސުރެ ވަރަށް ދަތިވެފައި އޮތް ކަމެކެވެ. އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ކިޔޫ ބޮޑުވުމާއި ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބުމާއި ތެރަޕީތައް އަގު ބޮޑުވުމެވެ. ޚާއްސަކޮށް އައިޖީއެމްއެޗްގައި ހިންގާ ނެޝަނަލް މެންޓަލް ހެލްތު ސެންޓަރުން އެޕޮއިންޓްމަންޓް ހޯދުން އޮތީ ވަރަށް ދަތިވެފައެވެ. އަދި ކޮލެޓީ ފަރުވާ ނުލިބޭ މައްސަލަ ވެސް ބޮޑެވެ. އެހެންވެ ނަފްސާނީ ބަލިތަކަށް ވެސް މީހުން އަމިއްލައަށް ވެސް ރާއްޖޭން ބޭރަށް ގޮސް ފަރުވާ ހޯދައެވެ.

މި ސަރުކާރުން ވަނީ ނަފުސާނީ ބައްޔަށް ފަރުވާދިނުމަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ސެޕްޓެންބަރު މަހު އިއުލާނުކޮށްފައެވެ. އޭގެ ދޮޅު މަސް ފަހުން ބިޑް ސެކިއުރިޓީގެ ގޮތުގައި މިނިސްޓްރީއަށް ދައްކަންޖެހޭ އަދަދު އިތުރުކޮށް، ބީލަމަށް ހުޅުވައިލި މުއްދަތު ވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރިއެވެ.

https://sun.mv/230219

ފާހަގަކުރެވޭ ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން އޭރު ނިންމީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށާއި، ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ.

"ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް އޭރު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް ކަމަށެވެ.

އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.

ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ތިބެން ޖެހޭ ކަމަށެވެ.

comment ކޮމެންޓް