މި ސަރުކާރުގެ އަމާޒަކީ، ޞިއްޙީ ދާއިރާއިން ދެވޭ ޚިދުމަތްތަކަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްކާތެރި، ދެފުށްފެންނަ އަދި ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ ޚިދުމަތްތަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހެދުން ކަމަށް ހެލްތް މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މަޢުލޫމާތާއި ރަޖިސްޓްރޭޝަން އަދި ލައިސަންސިންގެ ކަންކަން ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތައްޔާރުކުރެވުނު "ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލް"ގެ އިތުރުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ރަސްމީ ވެބްސައިޓް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދަކީ ޞިއްޙީ ޚިދުމަތްތެރިންނަށް ކައުންސިލްތަކުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ބިންގާ އެޅިގެންދިޔަ އުފާވެރި ދުވަހެއް ކަމަށެވެ. އަދި އަލަށް ތަޢާރަފުކުރެވުނު ޑިޖިޓަލް ޕްލެޓްފޯމްތަކަކީ އެންމެން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ހެލްތް މިނިސްޓްރު ގީލާ ޢަލީ: އަމާޒަކީ ޞިއްޙީ ޚިދުމަތްތަކަކީ ފަސޭހައިން ވާސިލުވެވޭ ޚިދުމަތަކަށް ހެދުން ކަމަށް ވިދާޅުވި -- ފޮޓޯ/ ހެލްތް މިނިސްޓްރީމިނިސްޓަރު ގީލާ ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ޚިދުމަތްތެރިންނަކީ ގައުމުގެ ދުޅަހެޔޮކަމުގެ އެންމެ މުހިންމު އެއް ބަހާއެވެ. އެގޮތުން، ރެޔާއި ދުވާލު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި މަސައްކަތްކުރައްވާ މި ޚިދުމަތްތެރިންނަށް ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކަމާއި ފަސޭހަކަމާއެކު ލިބިގެންދިއުމަކީ އެ ފަރާތްތަކަށާއި އެ ފަރާތްތައް މަސައްކަތްކުރާ މަރުކަޒުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
"ރެޔާއި ދުވާލު، އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކުރުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ މި ލޮބުވެތި ޚިދުމަތްތެރިންނަށް ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް، އަވަސްކަމާއި، ޒަމާނީ ފަސޭހަތަކާއެކު ހަމަޖެހިގެން ދިއުމަކީ އެ ޚިދުމަތްތެރިންނަށާއި، އެފަރާތްތަށް ނިސްބަތްވާ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަ." މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ލައިސަންސް އައުކުރުމާއި، ރަޖިސްޓްރީވުމާއި، އެކިއެކި ހުއްދަތައް ހޯދުމުގައި ކުރިން ދިމާވި ދަތިތަކަށް މިހާރު ނިމުމެއް އައިސްފައިވާ ކަމަށާއި، މި ޕްލެޓްފޯމްގެ ސަބަބުން ކަރުދާހަށް ބަރޯސާވާ މިންވަރު ކުޑަވެ، އިދާރީ ގޮތުން ނަގާ ވަގުތު ބޮޑުތަނުން ސަލާމަތްވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ދަށުން، ދައުލަތުގެ މުއައްސަސާތަކުން ދޭ ޚިދުމަތްތައް ލާމަރުކަޒުކޮށް، ޑިޖިޓަލައިޒްކޮށް އަދި ރައްޔިތުންނަށް ފަސޭހަވާނޭހެން ބައްޓަންކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލް" ތައާރަފުކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީއެގޮތުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން އިފްތިތާޙުކޮށްފައިވާ "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ގެ މައިގަނޑު އެއް އަސާސަކީވެސް މިއަދު މި ލޯންޗުކުރެވުނު ޕްލެޓްފޯމް ކަމަށް ވިދާޅުވިއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ޞިއްޙީ ޚިދުމަތްތެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލެވި، ހެލްތު އިންފޮމޭޝަން ސިސްޓަމްތަކާ އިންޓެގްރޭޓް ކުރެވިގެންދާނެއެވެ. އަދި މި ނިޒާމު "އީފާސް" އާ ގުޅާލެވިފައިވުމުން، ތަކުރާރުކޮށް މަޢުލޫމާތު ފުރަން ނުޖެހި، ރައްކާތެރިކަމާއެކު އެއް ވިއުގައަކުން ހުރިހާ ޚިދުމަތެއް ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމު ހަމަޖެހިފައިވާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން ދެވޭ ޚިދުމަތްތަކަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްކާތެރި، ދެފުށްފެންނަ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ ޚިދުމަތްތަކަށް ހެދުން. މިގޮތުން، މި ޕްލެޓްފޯމް 'އީފާސް' އާ ގުޅާލެވިފައިވުމަކީ މި ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް." މިނިސްޓްރު ގީލާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރު ގީލާ ވަނީ، މި މުހިންމު މަސައްކަތް ޙަގީގަތަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރެއްވި މިނިސްޓްރީގެ ޓެކްނިކަލް ޓީމަށާއި، ކައުންސިލްތަކުގެ އިތުރުން މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މަޢުލޫމާތާއި ރަޖިސްޓްރޭޝަން އަދި ލައިސަންސިންގެ ކަންކަން ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތައްޔާރުކުރެވުނު "ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލް" ލޯންޗުކުރުން -- ފޮޓޯ/ ހެލްތު މިނިސްޓްރީމި ރަސްމިއްޔާތުގައި ތަޢާރަފްކުރި ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ދަފްތަރު އެއް ވިއުގައަކުން ބަލަހައްޓައި، ޚިދުމަތްތައް އަވަސް އަދި ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށް އެކުލަވާލެވުނު ޕޯޓަލެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ އައު ވެބްސައިޓްތަކުގެ ސަބަބުން، ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގަވާއިދުތަކުގެ މަޢުލޫމާތު އާންމުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.