ރާއްޖޭގައި އުޅެފައި އެނބުރި ގައުމަށް ދިޔަ ދެ ފަތުރުވެރިއަކު ޒިކާއަށް ޕޮޒިޓިވް ވެއްޖެ

ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ ---- ސަން ފައިލް ފޮޓޯ

މިއަހަރު ތެރޭގައި ރާއްޖެ އައި ދެ ފަތުރުވެރިއަކު، އެނބުރި ގައުމަށް ދިޔަ ފަހުން ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ ދެ މައްސަލައާ އެކު ރާއްޖޭއާ ގުޅުންހުރި ޒިކާ ވައިރަސްގެ މައްސަލަތަކުގެ އަދަދު ތިނަކަށް އަރައެވެ.

ޒިކާ ވައިރަސް ފެތުރެނީ، ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިންނެވެ.

މިރޭ އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސެސް ޑރ. ޝީޒާ އަލީ ވިދާޅުވީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ދެ ފަތުރުވެރިއަކު ބަލިވެގެން ޑޮކްޓަރަށް ދައްކައި، ޓެސްޓު ކުރުމުން އެމީހުންގެ ގައިގައި ޒިކާ ވައިރަސް ހުރިކަމް ކަށަވަރު ވެފައިވާ ކަމަށެވެ.

ޑރ. ޝީޒާ ވިދާޅުވީ އެ ދެ މީހުންނަކީ ސްޕެއިންގެ 53 އަހަރުގެ ފަތުރުވެރިއަކާއި ޖަރުމަނުގެ ފަތުރުވެރިއެއް ކަމަށެވެ. އެ ދެ މީހުން ވެސް ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުގައި އުޅެފައިވާއިރު، ޑައިވިން ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުން އުޅުނު ތަންތަނުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން ހިއްސާކޮށްފައެއް ނުވެއެވެ.

"އެކުގައެއް ނޫން އެ ދެ މީހުން ރާއްޖެ އައީ. އެކަކު ޕޮސިޓިވްވި ކަމަށް ބުނަނީ ފެބްރުއަރީ މަހުގައި. އަނެކަކު ޕޮޒިޓިވްވި ކަމަށް އެނގެނީ ޖޫން މަހު. އެމީހުން ސަފާރީތަކާ ތަންތަނުގައި ވެސް އުޅުނު ކަމަށް ވަނީ. އެކަމަކު ވަކި ރަށެއް ނުވަތަ ވަކި ތަނެއްގެ ނަން ދެންނެވުން މިވަގުތު ރަނގަޅެއް ނުވާނެ،" ޑރ. ޝީޒާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސެސް ޑރ. ޝީޒާ އަލީ - ސަން ފައިލް ފޮޓޯ

އެ ދެ މީހުންގެ މައުލޫމާތު ހެލްތު މިނިސްޓްރީއަށް ހިއްސާކޮށްދިނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނެވެ. އެޖަމިއްޔާއިން އެ މައުލުމާތު ރާއްޖެއާ ހިއްސާކުރީ އިއްޔެއާއި އޭގެ ކުރީ ދުވަހުއެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި އުޅުނު ބިދޭސީއެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާކަން ހެލްތު މިނިސްޓްރީން ބުންޏެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ފުރި ފިންލެންޑު މީހެކެވެ. އޭނާއަކީ ރާއްޖޭގައި ހަ މަސް ދުވަހު ވަޒީފާއެއް އަދާކުރުމަށްފަހު ރާއްޖެއިން ފުރި މީހެކެވެ. އޭނާއަށް ޒިކާ ވައިރަސް ޖެހިފައިވާކަން ރާއްޖެއަށް އެނގުނީ އޭނާ ފުރިތާ ހަ މަސް ދުވަސް ފަހުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޒިކާ ވައިރަހަށް ޓެސްޓު ކުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކުރިޔަށް ގެންދާ އިރު، ޑރ. ޝީޒާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ޓެސްޓުކޮށްފައިވާ އެއްވެސް ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށެވެ.

"މިހާރު އިތުރު ދެ ކޭސް ފެނުމާ އެކު ތަންކޮޅެއް ގިނައިން ޓެސްޓު ކުރުމުގެ ކަންކަން ކުރަމުން ގެންދާނަން. ގިނަ މީހުންގެ ސާމްޕަލްތައް، މާލެއިން ނޫނަސް އެހެން ތަންތަނުން ވެސް ނަގައިގެން. މިވަގުތު އައިޖީއެމްއެޗްގައި އެކަނި މިކަން ކުރަމުން މި ދަނީ،" ޑރ. ޝީޒާ ވިދާޅުވިއެވެ.

އާންމުކޮށް ޒިކާ ވައިރަސް ޖެހިފައި ރަނގަޅުވާ އިރު، މީހަކު ބަލިވިކަން ޚުދު އެމީހަކަށް ވެސް ނޭނގޭނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ބޮޑެތި އެކި އަލާމާތްތައް ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ބަލިވިކަން ނުވެސް އެނގި ދޭ. އެހާ ވެސް ކުޑަކޮށް ޖެހިފައި. އަނެއް ފަހަރުތަކުގައި ގައިގައި ރިއްސުމާ ހުން އައުމާއި ދެލޯ ރަތް ވުމާއި ހުޅުތައް ދުޅަވެ ރިއްސުން ވެސް ވޭ،"

ނަމަވެސް ޒިކާ ވައިރަސް ޖެހުމުން ޑެންގީ ފަދައިން މާ ބޮޑަށް މީހާގެ ވަރު ދެރަކޮށްލާ ފަދަ ކަމެއް ނުހިނގާ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މައިކްރޮސެފަލީ ނުވަތަ ބޯ ކުޑަވުމުގެ ހާލަތް ދިމާވަނީ ޒިކާ ވައިރަހުގެ އަލާމާތަކަށް ވުރެ ބޮޑަށް، އެ ބަލި ޖެހުމަށްފަހު ދިމާވާ ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ.

"ޒިކާ ވައިރަސް ޖެހޭ މީހަކަށް އެބަލީގެ އެހާ ބޮޑު ނުރައްކަލެއް ނުވޭ ބަލި ޖެހޭ ވަގުތު. 80 ޕަސަންޓު މީހުންނަށް ބަލި ޖެހިފައި ރަނގަޅުވާ އިރުވެސް ނޭނގޭ. އެކަމަކު ބަލި ޖެހުމަށްފަހު ކޮމްޕްލިކޭޝަންސް އަންނަނީ މާބަނޑު ދުވަސްވަރު ޒިކާ ޖެހުމުން، ލިބޭ ކުދިންނަށް. މި ނޫނަސް ބައެއް ކޮމްޕްލިކޭޝަންސް ހުރޭ މިސާލަކަށް ނާރުތަކަށް ދިމާވާ ހާލަތެއް ވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން ވަނީ ޒިކާ ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ. އެގޮތުން ޑެންގީއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް އަޅައިގެން ޒިކާ ވައިރަސް ފެތުރުން މަދު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް