ދެ ދިވެހީންގެ ގައިން ޒިކާ ވައިރަސް ފެނިއްޖެ: އެޗްޕީއޭ

ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގ ---- ސަން ފައިލް ފޮޓޯ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި 500 އަށް ވުރެ ގިނަ ދިވެހީން ޒިކާ ވައިރަހަށް ޓެސްޓު ކުރި އިރު، އޭގެ ތެރެއިން ދެ މީހެއްގެ ގައިން އެ ވައިރަސް ފެނުނު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ޒިކާ ވައިރަހަކީ ދުނިޔޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މިދިޔަ މަހުގެ ތެރޭގައި ކަނޑައަޅާފައެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގައި ހަލުއިކަމާ އެކު ޒިކާ ވައިރަސް ފެތުރެން ފެށުމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެ ވައިރަހުން ސަލާމަތް ވުމަށް އެތައް ފިޔަވަޅެއް އެޅިއެވެ. އޭގެ ތެރެއިން ރާއްޖޭގައި ވެސް، ބޭރު ގައުމުތަކުން އަންނަ މީހުން ޓެސްޓުކުރުމުގެ ކަންކަން ކުރެވުނެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖެނުއަރީ މަހު، ރާއްޖޭގައި ޒިކާ ވައިރަސް އުޅޭތޯ ބެލުމުގެ މަސައްކަތް ފެށި ކަމަށާއި، މިއަހަރުގެ ތެރޭގައި ޒިކާއަށް ޓެސްޓުކުރުމުގެ އާލާތްތައް ގާއިމުކޮށް، ޒިކާގެ އަލާމާތްތައް ފެނުނު 517 މީހަކު ޓެސްޓުކޮށްފައިވާ ކަމަށެވެ.

"މީގެ ތެރެއިން ދެ މީހަކު ވަނީ ޒިކާއަށް ޕޮޒިޓިވް ވެފައި،" އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. މިކަމާ ބެހޭ އިތުރު މައުލުމާތެއް އެ ބަޔާނުގައި ނުވެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ބޭރު މީހުންގެ ގައިން ޒިކާ ވައިރަސް ފެނުމުގެ ތިން ކޭސްއެއް ރާއްޖޭގައި ފެނިފައިވެއެވެ. އެންމެ ފުރަތަމަ ޒިކާ ވައިރަސް ރާއްޖެއިން ފެނުނީ، މިއަހަރުގެ ޖެނުއަރީ މަހު ފުރި ފިންލެންޑްގެ މީހެއްގެ ގައިންނެވެ. އެއަށް ފަހު އެ ވައިރަސް ފެނުނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި މިއަހަރުގެ މެދުތެރޭގައި ފުރި، ޖަރުމަނު އަދި ސްޕެއިންގެ ދެ މީހުންގެ ގައިންނެވެ.

ޒިކާ ވައިރަސް ފެތުރެނީ ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިންނެވެ.

ޒިކާ ވައިރަސް ޖެހުމުން ގާތްގަނޑަކަށް 80 ޕަސެންޓު މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެއެވެ. ބައެއް މީހުންގެ ގައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެއެވެ.

ނަމަވެސް މާބަނޑު އަންހެނުންނަށް ޒިކާ ވައިރަސް ޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ކިޔާ ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފައިވެއެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.

comment ކޮމެންޓް