ޒިކާ އަކީ މިހާރު ސިއްޙީ ކުއްލި ނުރައްކަލެއް ނޫން: ޑަބްލިޔުއެޗްއޯ

ޒިކާގެ ސަަބަބުން މައިކްރޯ ސެފަލީ ގެ އަސަރު ކޮށްފައިޥާ ކުއްޖެއް

ޕެރިސް (ނޮވެމްބަރު 19): މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ދުނިޔޭގައި ސިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ބަލަމުން ގެންދިޔަ ޒިކާ ވައިރަސް އަކީ މިހާރު ސިއްޙީ ކުއްލި ނުރައްކަލެއް ނޫންކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިޢްޔާ، ޑަބްލިޔޫއެޗްއޯއިން ނިންމައި އެކަން ޢިއްލާންކޮށްފިއެވެ.

އެ ޖަމިއްޔާއިން ބުނީ ޒިކާ ވައިރަސް ފެތުރޭ މިންވަރު ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އެ ވައިރަސްގެ ސަބަބުން އުފެދުނު ސިއްހީ ބިރުވެރިކަން މިހާރު ކުޑަވެފައިވާ ކަމުގައެވެ. ޑަބްލިޔުއެޗްއޯގެ ސިއްޙީ ކުއްލި ނުރައްކަލާބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޑޮކްޓަރު ޑޭވިޑް ހައިމަން ވިދާޅުވީ، ޒިކާއަކީ އަދިވެސް ނުރައްކާތެރި ވައިރެހެއްކަމަށާއި އެ ބަލި ފެތުމުގެ ބިރުވެސް އޮތްކަމުގައެވެ. ނަމަވެސް ޒިކާ ކޮންޓްރޯލް ކުރެވިފައިވާތީއާއި އެ ބައްޔާބެހޭ ހޭލުންތެރިކަން އާންމުންގެ މެދުގައި އުފެދިފައިވާތީ ސިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ބަލަމުންދިޔަ ބެލުން މިހާރު ނިމުމަކަށް ގެނަސްފައިވާ ކަމުގައެވެ.

ޒިކާ ވައިރަހަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މަދިރީގެ އިތުރުން ޖިންސީ ގުޅުމުންވެސް މިބަލި ފެތުރޭކަން ސިއްޙަތާބެހޭ ދިރާސާތަކުން ހާމަވެފައިވެއެވެ. ޒިކާ ވައިރަސް މާބަނޑު އަންހެނުންގެ ހަށިގަނޑަށް ވާސިލް ވުމުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި އުފެދުމަށް ވަރަށްބޮޑު ހުރަސްތަކެއް އެޅޭކަމާއި އެކަމުގެ ސަބަބުން ތުއްތު ކުއްޖާގެ ބޮލުގެ ނާޝިގަނޑު ކުޑަވާކަން (މައިކްރޯ ސެފަލީ) ވަނީ ސިއްޙީ ދިރާސާތަކުން ހާމަވެފައެވެ.

ޒިކާގެ ސަބަބުން މިހާލަތު (މައިކްރޯ ސެފަލީ) ކުރިމަތިވެފައިވާ 2100 ތުއްތުކުދިން ބްރަޒީލްގައި އެބަތިބިކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވެއެވެ. ޒިކާގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް އެވައިރަސްގެ ސަބަބުން މީހުން މަރުވާހިސާބަށް ދަނީ ވަރަށް މަދު ހާލަތެއްގައި ކަމަށް ސިއްޙަތާބެހޭ މާހިރުން ވިދާޅުވެއެވެ.

ޒިކާ ވައިރަސް 30 ގައުމަކުން ފެނިފައިވީނަމަވެސް މި ބަލި ފެތުރުންވަނީ ކޮންޓްރޯލް ކުރެވިފައެވެ. (އީޕީއޭ)

comment ކޮމެންޓް