ފައިސާ ނެތިގެން، ބަނގުރަލުން ދަރަނި އަދާކުރަން ކިއުބާއިން ހުށަހަޅައިފި

ކިއުބާގައި އުފައްދާ ބަނގުރާ ފުޅިތަކެއް

ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން، ކިއުބާއިން އޭރުގެ ޗެކޮސްލޮވާކިއާއަށް ދަރާފައިވާ ދަރަނިތަކެއް، ބަނގުރަލުން އަދާކުރުމަށް ކިއުބާއިން ހުށަހަޅައިފިއެވެ.

ޗެކް ރިޕަބްލިކްގެ ފިނޭންސް މިނިސްޓްރީން ބުނީ، ކިއުބާގެ ދަރަނިތަކާ ގުޅޭ ގޮތުން އެގައުމާ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެގައުމުން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

ކިއުބާގެ ދަރަނިތައް، ބަނގުރަލުން އަދާކުރުމަށް އެގައުމުން ހުށަހެޅި، އެ ގައުމުން ޗެކް ރިޕަބްލިކަށް ދަރާފައިވާ 275 މިލިޔަން ޑޮލަރުގެ ދަރަނި އަދާކުރާ ވަރަށް ފައިސާ ނެތުމުންނެވެ.

ކިއުބާއިން ބުނާ ގޮތުގައި، ފައިސާ ނެތް ނަމަވެސް، ދަރަނި އަދާކުރެވޭ ވަރަށް ބަނގުރަލުގެ ބާވަތެއް ކަމުގައިވާ ރަމް އެގައުމުގައި އެބަ ހުއްޓެވެ. އަދި ކިއުބާގެ އެ ހުށަހެޅުން ގަބޫލުކޮށްފި ނަމަ، 100 އަހަރު ދުވަހަށް ވާ ވަރަށް ޗެކް ރިޕަބްލިކަށް ރަމް ލިބޭނެ ކަމަށް ކިއުބާއިން ބުނެއެވެ. ކިއުބާގެ ރަމްއަކީ ޗެކް ރިޕަބްލިކްގެ ރައްޔިތުންގެ މެދުގައި މަގުބޫލު އެއްޗެކެވެ.

ކިއުބާގެ މި އާދަޔާ ޚިލާފު ހުށަހެޅުމަށް ޗެކް ރިޕަބްލިކް ގަބޫލުވާނެ ކަމުގެ ސިގްނަލެއް ވަނީ ދީފައެވެ. ޗެކް ރިޕަބްލިކުން ބުނަނީ، ކިއުބާގެ ދަރަނި، ރަމް ނުވަތަ ސިއްހީ ދާއިރާއިން ބޭނުންކުރާ ބޭސް (ފާމަސޫޓިކަލް ޑްރަގްސް)އިން އަދާކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ކިއުބާގައި އުފައްދާ ބޭސްތަކަށް ވިލާތުގެ އިއްތިހާދުގެ ސެޓިފިކޭޝަން ލިބިފައި ނުވާތީ، ކިއުބާގެ ބޭސް ޗެކް ރިޕަބްލިކަށް އެތެރެއެއް ނުކުރެވޭނެ އެވެ.

މި ހުރިހާ ކަމެއްގެ މައްޗަށް، ޗެކް ރިޕަބްލިކުން ބުނެފައި ވަނީ އެގައުމުން އެންމެ އެދެނީ، ކިއުބާއިން އަދާކުރަންޖެހޭ 275 މިލިޔަން ޑޮލަރުގެ ދަރަނި، ފައިސާއިން އަދާކުރުމަށް ކަމަށެވެ.

ރަމް އަކީ އުއްދަނޑި ނުވަތަ ޝުގާ ކޭންއިން އުފައްދާ ރަލެކެވެ. ކިއުބާއަކީ 1960 ގެ އަހަރުތަކުގައި، މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ހަކުރު އެކްސްޕޯޓަރެވެ. ނަމަވެސް ރަޝިއާ އާއި އެމެރިކާއާ ދެމެދު ހިނގި ފިނި ހަނގުރާމައިގެ ތެރޭގައި، ކިއުބާއިން ހަކުރު އިމްޕޯޓުކުރުން އެމެރިކާއިން ހުއްޓާލުމުގެ ސަބަބުން، ކިއުބާގައި އުއްދަނޑީގެ ދަނޑުވެރިކަން ކުރާ ގިނަ ބަޔަކު ވަނީ އެ ވިޔަފާރި ހުއްޓާލައިފަ އެވެ.

comment ކޮމެންޓް