އޯޕަންއޭއައިގެ ޚާއްޞަ މާލީ ޓޫލް ކަމަށްވާ "ޗެޓްޖީޕީޓީ ފައިނޭންސް" އަށް ޗެޓްޖީޕީޓީ ވޮއިސް އިންޓަގްރޭޝަން ތައާރަފުކޮށް، ލިޔުމުގެ ބަދަލުގައި އަނގައިން ވާހަކަދައްކައިގެން އަމިއްލަ މާލީ ކަންކަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި އާ ފީޗާއާއެކު ޔޫޒަރުންނަށް ލިޔެގެން ޕްރޮމްޕްޓް ދިނުމުގެ ބަދަލުގައި، އިންސާނަކާ ވާހަކަދައްކާ ފަދައިން އޭއައި ބޮޓާއެކު އަތްނުލައި (ހޭންޑްސް-ފްރީކޮށް) ވާހަކަދެއްކޭނެއެވެ.
މި ފީޗާ މެދުވެރިކޮށް އެކައުންޓުގެ މާލީ ޙާލަތާއި، ކުރެވިފައިވާ މުޢާމަލާތްތަކާއި އަދި ސޭވިންގްސްއާ ގުޅޭގޮތުން ސުވާލުކޮށް ޖަވާބު ހޯދޭނެއެވެ. އަދި ބޮޓު ޖަވާބުދެމުންދާ ވަގުތު މެދުކަނޑާލުމަށްފަހު އިތުރު ސުވާލުތައް ކުރުމުގެ ފުރުޞަތު ވެސް ޔޫޒަރުންނަށް ލިބޭނެއެވެ. މި ޚިދުމަތް ބޭނުންކުރުމަށްޓަކައި ޔޫޒަރުންގެ މާލީ އެކައުންޓްތައް މީގެ ތެރެއަށް ކަނެކްޓްކުރަންޖެހެއެވެ.
މި އަހަރުގެ މެއި މަހުގެ 15ގައި އެމެރިކާގެ "ޗެޓްޖީޕީޓީ ޕްރޯ" ސަބްސްކްރައިބަރުންނަށް ޕްރިވިއުއެއްގެ ގޮތުގައި އެންމެ ފުރަތަމަ ތައާރަފުކުރި މި ޓޫލް، މިހާރު ވަނީ އެމެރިކާގެ ފްރީ އަދި ގޯ ޔޫޒަރުންނަށްވެސް ބޭނުންކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް މި ޓޫލް އަދިވެސް ލިބެންހުރީ އެމެރިކާގައެވެ. ޗެޓްޖީޕީޓީ ފައިނޭންސްއިން 12,000 އަށްވުރެ ގިނަ މާލީ އިދާރާތަކަށް ސަޕޯޓްކުރާއިރު، މިއީ ޔޫޒަރުންގެ މާލީ އަމާޒުތައް ރޭވުމަށް އެހީތެރިވެދޭނެ ޓޫލެއް ކަމަށް އޯޕަންއޭއައިއިން ބުނެއެވެ.
މި ޓޫލް ތައާރަފުކުރި ފަހުން އޯޕަންއޭއައިއިން ވަނީ ގިނަ އާ ފީޗާތަކެއް މީގެ ތެރެއަށް އިތުރުކޮށްފައެވެ. އެގޮތުން ޔޫޒަރުގެ އަމިއްލަ މާލީ ކަންކަމާ ގުޅޭގޮތުން ގަވާއިދުން މައުލޫމާތު ފޯރުކޮށްދޭ "ވިކްލީ އަޕްޑޭޓްސް" ފީޗާއާއި، ކްރެޑިޓް ސްކޯ ދެނެގަނެ، ކްރެޑިޓް ސިއްހަތަށް އަސަރުކުރާ ކަންކަން ތަހުލީލުކޮށްދޭ "ކްރެޑިޓް މޮނިޓަރިން" ޓޫލް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ޔޫޒަރުން ޝައުޤުވެރިވާ ކުންފުނިތަކުގެ ސްޓޮކް މާކެޓްގެ ހާލަތު ބެލޭނެ "ސްޓޮކް ވޮޗްލިސްޓްސް" އަޕްގްރޭޑްވެސް ވަނީ ދީފައެވެ. އަދި ދާދިފަހުން ޗެޓްޖީޕީޓީގެ އެންޑްރޮއިޑް އެޕް މެދުވެރިކޮށް ފައިނޭންސް ޓޫލް ބޭނުންކުރެވޭ ގޮތް ހަދައި، ކަނެކްޓް ނުކުރެވި ހުރި މާލީ އެކައުންޓްތައް އަމިއްލައަށް (މެނުއަލީ) އިތުރުކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.