ވޯލްޑްކަޕްގައި ޓީމުތައް އިތުރު ކުރަން ޔޫރަޕްގެ ބޮޑެތި ކްލަބްތައް ދެކޮޅު

އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން ޖަރުމަނު ހޯދުމަށްފަހު އުފާފާޅުކުރަނީ ---

ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކުގެ އަދަދު އިތުރުކުރުމަށް ފީފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ ގެންގުޅޭ ވިސްނުމާ ދެކޮޅު ކަމަށް ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން (އީސީއޭ) އިން ބުނެފިއެވެ.

އިންފަންޓީނޯ ވަނީ ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ދޭން ހުށަހަޅުއްވައިފަ އެވެ. ތިން ޓީމު ހިމެނޭ 16 ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ދެ ޓީމެވެ. އޭގެ ތެރޭގައި އޮޓޮމެޓިކުން 16 ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުމަށް ފަހު ބާކީ 32 ޓީމުގެ މެދުގައި ނޮކްއައުޓް ބުރެއް ކުޅުމަށް ފަހު ހޮވޭ 16 ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުން ހިމެނެ އެވެ.

އިންފަންޓީނޯ އެ ގޮތަށް ހުށަހަޅުއްވާފައި ވަނީ ގިނަ ގައުމުތަކެއްގައި ފުޓްބޯޅަ ކުރިއެރުވޭނީ ގިނަ ޓީމުތަކަކަށް ވޯލްޑް ކަޕްގައި ފުރުސަތުދީގެން ކަމަށް ބުނެއެވެ.

ނަމަވެސް ޔޫރަޕްގައި ހިމެނޭ ބޮޑެތި ކްލަބްތަށް އެކުވެގެން އުފައްދާފައިވާ އީސީއޭގެ ޗެއާމަން ކާލް ހެއިންޒް ރުމިނިގީ ވިދާޅުވީ ވޯލްޑްކަޕްގައި ޓީމުތަށް އިތުރުކޮށް ކުޅުންތެރިން ލައްވައި ގިނަ މެޗުތަކެއް ކުޅުވުމަށް ދެކޮޅު ކަމަށާއި މިހާރު ވެސް އަހަރެއްގެ ތެރޭގައި ކުޅުންތެރިން އަންނަނީ އެކަށީގެންވާ ވަރަށް ވުރެން ގިނަ މެޗުތަކެއް ކުޅެމުން ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ފުޓްބޯޅައިން ސިޔާސީ ނުފޫޒާއި ވިޔަފާރީގެ ގޮތްގަނޑު ދުރުކޮށް ތަންކޮޅެއް ބޮޑަށް އެ ކުޅިވަރު ކުރިއެރުވޭނެ ގޮތްތަކަކަށް ވިސްނުން ބަހައްޓަން،" ރުމިނިގީ ވިދާޅުވިއެވެ.

އެންމެ ފަހުން ވޯލްޑްކަޕްގައި ޓީމުތަށް އިތުރުކުރަން ނިންމާފައި ވަނީ 1998 ވަނަ އަހަރުއެވެ. އެއީ 24 ޓީމުން 32 ޓީމަށެވެ. ފީފާގެ ގަވައިދު ބުނާ ގޮތުން ދެން އެންމެ އަވަހަށް ވެސް ވޯލްޑަކްގެ އޮނިގަނޑަށް ބަދަލު ގެނެވޭނީ 2026ގެ ވޯލްޑްކަޕަށް ފަހުގަ އެވެ.

comment ކޮމެންޓް