މެސީގެ ވޯލްޑް ކަޕް ޖާޒީތަކަށް 7.8 މިލިއަން ޑޮލަރު

މެސީ، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގައި އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ހަ މެޗެއްގައި ބޭނުންކުރި ޖާޒީތައް ނީލަމުގައި, ބޮޑު އަގެއްގައި ވިއްކާލައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ބްރޯކަރު "ސޮތެބީސް" އިން ބޭއްވި އިވެންޓެއްގައި މެސީގެ ޖާޒީތައް ވިކިފައިވަނީ 7.8 މިލިއަން ޑޮލަރުގެ އަގަކަށެވެ. އެއިން ކޮންމެ ޖާޒީއެއްގެ އަގު 1.6 މިލިއަން ޑޮލަރަށް އަރައެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ އިން މިދިޔަ އަހަރު ކާމިޔާބުކުރި ވޯލްޑް ކަޕަކީ 1986 ވަނަ އަހަރަށްފަހު, އެޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ވެސް މެސީއެވެ.

މެސީގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، އޭނާ އެންމެ އުންމީދުކުރަމުން އައި ކާމިޔާބަކީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަމެވެ. މިދިޔަ އަހަރު މުބާރާތް ކާމިޔާބުކުރުމަށް މެސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފައެވެ. މިހާތަނަށް މެސީ ވަނީ އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދައިފައެވެ.

މިހާރު އެމެރިކާގެ އިންޓަ މަޔާމީއަށް ކުޅެމުންދާ މެސީ ދެން ތައްޔާރުވާން ޖެހޭނީ ކުރިއަށްއޮތް ސީޒަނަށެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިންޓަ މަޔާމީއާއެކު މެސީ, ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާ ދެކޮޅަށް ނުކުންނާނެއެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް