ވޯލްޑް ކަޕްގެ ޗެމްޕިއަނަށް ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު، އާޖެންޓީނާ އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެންމެ ފަހުން އާޖެންޓީނާ ބަލިވެފައިވަނީ ވޯލްޑް ކަޕް 2022ގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެ އުރުގުއާއީއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި އާޖެންޓީނާ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރުގުއާއީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޮނަލްޑް އަރައުހޯ އާއި ޑާވިން ނުނޭޒްއެވެ. ކެޕްޓަން ލިއޮނެލް މެސީއާއެކު ވެސް އާޖެންޓީނާއަށް ތަފާތު ދެއްކިފައި ނުވާ އިރު، ސްކަލޯނީ ބުނެފައިވާގޮތުގައި ބަލި ނުވާނެ ޓީމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ.
"މޮޅުވާނީ އަދި ބަލިވާނީ ވެސް ޓީމެއްގެ ގޮތުގައި. އެހެން އިތުރު ގޮތެއް ނޯންނާނެ. އަހަރެމެންނަކީ ބަލި ނުވާނެ ޓީމެއް ނޫން. ދުނިޔޭގެ ޗެމްޕިއަނަކީ ބަލި ނުވާނެ ޓީމެއްގެ ގޮތުގައި ބަލައިގެން ނުވާނެ،" ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ އުނދަގޫ ހާލަތުން ވެސް އަރައިގަނެވޭނެކަން ޓީމުން ފެންނަ ކަމަށާއި ސަޕޯޓަރުން ތިބީ ކުޅުންތެރިންގެ ފަހަތުގައި ކަމަށެވެ. އަދި މެޗުގައި ރޭވި ގޮތަށް ކަންކަން ކުރެވިފައި ނުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
ވޯލްޑް ކަޕް 2018 އަށްފަހު އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވި ސްކަލޯނީ ވަނީ އެޓީމަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ވެސް ކާމިޔާބުކޮށްދީފައެވެ. އާޖެންޓީނާއަށް އޭނާ އިރުޝާދު ދިން 66 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ.