އިންތިޚާބުގެ ކުރިން ރާއްޖެ ދާނަން، ރައީސް ޔާމީންގެ ވެރިކަން ވައްޓާލައިގެން ނުވާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލްޖަޒީރާ އަށް އިންޓަވިއު ދެއްވަނީ --- ފޮޓޯ: އަލްޖަޒީރާ

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ގަދަކަމުން ވައްޓާލައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ރާއްޖެެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ މުޅި އުމުރަށް ރާއްޖެއިން ބޭރުގައި އުޅުއްވަން ގަސްތު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެނބުރި ރާއްޖެ ދާނަން. ދެން އެއީ ޖަލަށް ކަމަށް ވެއްޖެއްޔާ ޖަލަށް. އަޅުގަނޑުގެ ހަޔާތް ނިމެންދެނެއް އަޅުގަނޑު ރާއްޖެއިން ބޭރުގައި އުޅޭކަށް ގަސްތެއް ނުކުރަން. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތަށް ފޮނުވީ ޖަލުގައި ބެހެއްޓުމަކީ ސަރުކާރަށާއި ރައީސް ޔާމީނަށް ދަތި ކަމަކަށްވާތީ ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އާންމުކޮށް ގައިދީން ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ނުފޮނުވާ ކަމަށާއި ބޭސްފަރުވާއަށް ގައިދީން ފޮނުވަނީ ސަރަހައްދީ ގައުމުތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މައިބަދައިގެ މައްސަލަތައް ހުންނަތާ އެތަކެއް އަހަރުވެފައިވާ ކަމަށާއި އިނގިރޭސިވިލާތަށް ވަޑައިގެންނެވުނީތީ އެކަމަށް ފަރުވާ ހޯއްދެވި ކަމަށެވެ. އަދި މިހާރު މައިބަދައިގެ މައްސަލަ ވަރަށް ބޮޑުތަކުން ރަނގަޅު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތައް ވަޑައިގެންނެވުމަކީ ކާމިޔާބީއެއް ލިބުނު ކަމެއް ކަމަށް ފާހަގަކުރައްވައި ރާއްޖެ އިސްލާހުކުރަން ދެން ކުރަންވީ ކަންތައްތައް މިހާރު އެނގިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ވައްޓާލަންް އުޅޭނަމަ ވަރަށް ސާފުކޮށް އެމަނިކުފާނު އެވާހަކަ ދައްކަވާނެ ކަމަށާއި ސަރުކާރު ވައްޓާލަން ބޭނުންނުވާ ކަމަށެވެ. އަދި ބޭނުންވަނީ އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ އިންތިޚާބެއް ހޯދަން. ސަރުކާރު ބަދަލުކުރަން އަޅުގަނޑު ވިސްނާނަމަ ކުރިއަށް އަޅުގަނޑު ވަރަށް ސާފޔުކޮށް ދެންނެވީމުސް މިއުޅެނީ ސަރުކާރު ބަދަލުކުރާށޭ. އަޅުގަނޑު ދެކޭގޮތުގައި އިންތިޚާބެއް އަޅުގަނޑުމެން ހޯދަން ޖެހޭނީ. އިންސާފުވެރި އިންތިޚާބެއް އަޅުގަނޑުމެން ހޯދަންޖެހޭނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމުގެ ސަތޭކަ ޕަސެންޓު ޔަގީން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު، ޖިނާއީ ކުށެއް ސާބިތުވެ އަހަރަކަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް