ނިއޯކްލެސިކާ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ، ކޮލޮމްބޯ އަދި މުމްބާއީއަށް ދިއުމަށް ޚާއްސަ ޕެކޭޖުތަކެއް

ކޮސްޓާ ކްރޫޒެސްގެ "ކޮސްޓާ ނިއޯ ކްލެސިކާ" ކްރޫޒްލައިނާ --

ކޮސްޓާ ކްރޫޒެސްގެ ކްރޫޒްލައިނާ "ނިއޯ ކްލެސިކާ" ރާއްޖެ އަތުވެއްޖެއެވެ. އިނަރ މޯލްޑިވްސް ހޮލިޑޭޒްއިން ވަނީ، މި ކްރޫޒް ލައިނާގައި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ މުމްބާއީއަށް ދާން އެދޭ ފަރާތްތަކަށް ޚާއްސަ ޕެކޭޖެއް ތަޢާރަފު ކޮށްފައެވެ.

ކޮސްޓާ ނިއޯ ކްލެސިކާ ކްރޫޒްލައިނާ މިއަދު މާލެ އައިސްފައިވާ އިރު، އެ ކްރޫޒްލައިނާ މާލެއިން ފުރާނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހުއެވެ.

އެ ކްރޫޒްލައިނަރ ފުރަތަމަ ދާނީ ސްރީލަންކާގެ ކޮލޮމްބޯއަށެވެ. އެއަށް ފަހު އިންޑިއާގެ ގޯއާއަށް ދިއުމަށްފަހު، މުމްބާއީއަށް ދާނެއެވެ. މުމްބާއީގައި މަޑުކުރުމަށްފަހު އެ ބޯޓު އަނެއްކާވެސް ގޯއާއާއި ކޮލޮމްބޯގައި މަޑުކުރުމަށްފަހު އެނބުރި މާލެ އަންނާނީ މި މަހުގެ 23 ވާ ހުކުރު ދުވަހުއެވެ.

އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ ޑިރެކްޓަރ އަހްމަދު އިޖާޒް "ސަން" އަށް ވިދާޅުވީ، ކޮސްޓާ ނިއޯ ކްލެސިކާ ދަތުރުކުރާ މަންޒިލުތަކުގެ ތެރެއިން ކޮލޮމްބޯއަށާއި މުމްބާއީއަށް ޕެކޭޖުތަކެއް އެކުންފުނިން ވިއްކަމުންދާ ކަމަށެވެ.

އެ ޕެކޭޖުތަކަކީ ކޮލޮމްބޯއަށް ތިން ދުވަހާއި ދެ ރޭގެ ކްރޫޒްއަކަށް ދެމީހުން ދާ ނަމަ ބޮލަކަށް 475 ޑޮލަރުގެ ޕެކޭޖަކާއި، އަދި މުމްބާއީއަށް އަށް ރެޔާއި ހަތް ދުވަހުގެ ކްރޫޒްއަކަށް ދެމީހަކު ދާ ނަމަ ބޮލަކަށް 999 ޑޮލަރުގެ ޕެކޭޖެކެވެ. މި ދެ ޕެކޭޖުގެ ދަށުންވެސް، ދަތުރުވެރިންނަށް ކެބިންގެ ހުރިހާ ޚަރަދަކާއި ހުރިހާ ކެއުމެއްގެ ޚަރަދުތައް ހަމަޖެހިގެން ދާނެއެވެ.

އިޖާޒް ވިދާޅުވީ، މި ޕެކޭޖަކީ ނިއޯކްލެސިކާގެ މި ދަތުރަށް ޚާއްސަކޮށްގެން ވިއްކާ ޕެކޭޖެއް ކަމަށެވެ. މި ދަތުރުގެ ޕެކޭޖު، މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން އިނަރ މޯލްޑިވްސްއިން ވިއްކަމުން އަންނަ އިރު، ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ތަރުހީބު ރަނގަޅުކޮށް ދަނީ. 17 ވަނަ ދުވަހު ބޯޓު ފުރާނެ. ކްރޫޒް ޕެކޭޖު ގަނެގެން ދަތުރުކުރަން އެދޭ ފަރާތްތަކަށް އަދިވެސް ފުރުސަތު އެބަ އޮތް. ކްރޫޒްލައިނާގެ ކެބިންތަކުން ޖާގަވެސް އެވެއިލަބަލްކޮށް އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ނިއޯކްލެސިކާ ކްރޫޒްލައިނާ، މާލެއާއި މުމްބާއީއާ ދެމެދުގެ ރޫޓުގައި މަހަކު ދެ ފަހަރު ދަތުރުކުރާ ގޮތަށް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 2017 ވަނަ އަހަރުވެސް، ފަތުރުވެރިކަމުގެ ޕީކް ސީޒަނުގައި އެ ދަތުރުތައް އަނެއްކާވެސް އޮންނާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިޖާޒް ވިދާޅުވިއެވެ.

comment ކޮމެންޓް