އިންތިހާބު އޮބްޒާވަރުންނަށް ހުށަހެޅި ފޯމުތައް ބަލައި ނުގަތް ކަމަށް އެމްޑީޕީން ބުނެފި

ވޯޓު ގުނުމުގެ މަސައްކަތެއް ކުރިއަށް ދަނީ --- ސަންފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީގެ ފަރާތުންނާއި ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފޯމު ހުށަހެޅުމުން ބައެއް ފޯމުތައް އެއްވެސް ސަބަބަކާ ނުލައި ބަލައި ނުގަތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފޯމު ހުށަހެޅުމުގެ ތާރީހު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. އެމްޑީޕީން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތަށް އެކިއެކި "އުކުޅުތަކާއި ހީލަތްތައް" ބޭނުންކޮށްގެން އިލެކްޝަނުން ހުރަސް އަޅާފައިވާ ކަމަށެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވި ނަމަވެސް ވަގުތު ކުޑަތަންވީއިރުވެސް ސާވާ ބިޒީވެ ގިނަ ފޯމުތަކެއް ހުށަހެޅިފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ފޯމު ފޯކަލް ޕޮއިންޓްތަކަށް ހުށަހަޅަން ފުރުސަތު ދިން ނަމަވެސް ބައެއް ފޯމުތައް ސަބަބަކާ ނުލައި ބަލައިގަތްފައި ނުވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

"މި ޕާޓީން ހުށަހެޅި އޮބްޒާވަރުންގެ ނަންތަކުގެ ތެރެއިން ގިނަ ނަންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އެއްވެސް ހަރުދަނާ ސަބަބެއް ނެތި ބަލައި ނުގަނެފައި. އަދި އަތޮޅު ފޯކަލް ޕޮއިންޓުތަކުން އޮބްޒާވަރުންގެ ފޯމު ބަލައިގަންނާނޭ ކަމަށް އެ ކޮމިޝަނުން އަންގާފައިވީ ނަމަވެސް ބައެއް ފޯކަލް ޕޮއިންޓުތަކުން އެގޮތަށް ވެސް ޢަމަލުކޮށްފައިނުވޭ." އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ބަޔާނާގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ އެ ކޮމިޝަނުން އަމަލު ކުރާނީ އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި އޮބްޒާވަރުންނަށް ކުރިމަތިލުމާ ފޯމު ހުށަހެޅުމުގައި އެމްޑީޕީއަށް ލުއިގޮތްތަކެއް ވެސް ހަދައިދީފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބާއްވާނެ ކަމަށް އިލެކްޝަނުން އިއުލާނުކޮށްފައި ވަނިކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިންތިހާބު ދެމަހަށް ފަސްކުރުމަށެވެ. އެ މައްސަލަ އިލެކްޝަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އަދި ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ.

ނަމަވެސް އިންތިހާބު ފަސްކުރިކަން އިލެކްޝަނުން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް