އިސްލާމީ އުސޫލުތައް ދޫކޮށްފައި ތިބި ބަޔަކާ ގުޅުމުން ރައްޔިތުން ބަލައެއް ނުގަންނާނެ: ރައީސް

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ފައިލް ފޮޓޯ: ރައީސް އޮފީސް

އިސްލާމީ އުސޫލުތައް ދޫކޮށްލާފައި ތިބި ބަޔަކާ، ޕީޕީއެމްގެ ތެރެއިން ޚިޔާލުތަފާތުވާ ބަޔަކު ގުޅުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ޕީޕީއެމްގެ މައި ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ބަލިކަށިވެގެން ދިޔަ އިރު، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން ވެސް ބައެއް ބޭފުޅުންނަށް ރަނގަޅު ކަމަށާއި ނަމަވެސް އެއީ ގޯހެއް ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގަބޫލުކުރަން ޖެހޭ ކަމަށާއި ކޮންމެ ޖަޒީރާ ރަށަކުން ބަންގީގެ އަޑު އިވެންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލުތައް ދޫކޮށްލާފައި ތިބި ބަޔަކާ ގުޅުމަކީ ވިލިނގިލީގެ ރައްޔިތުން ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިސްލާމީ ޝަރީއަތް ދިވެހިރާއްޖޭގައި ގަބޫލު ކުރެވެން ޖެހޭނެ. ކޮންމެ ޖަޒީރާ ރަށަކުން ބަންގީގެ އަޑު އިވެން އެބަޖެހޭ. މި އުސޫލުތައް މަތީ ތިބެގެން އަޅުގަނޑުމެން މާއްދީ ތަރައްގީއާ ހަމައަށް މި މަސައްކަތް ކުރަނީ. މި އުސޫލުތައް ދޫކޮށްލާފަ ތިބި ބަޔަކާ އަޅުގަނޑުމެންގެ ތެރެއިން ޚިޔާލުތަފާތުވާ ބަޔަކު ގުޅިގެން މަސައްކަތް ކުރީމަ މިއީކީ ވިލިނގިލީގެ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އިސް މީހުން ހިއްވަރުދީގެން މީގެކުރިން ޖިނާއީ ކުށްތަކަށާއި މީހުންގެ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށާއި އެއީ ޕީޕީއެމް އިން ހިއްވަރުދޭނެ ކަންތައްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އިން ބޭނުން ވަނީ އެ ޕާޓީން ގަބޫލުކުރާ އުސޫލުތަކަކާ އެކު ތަރައްގީ ކަމަށާއި ވިލިނގިލީގެ ޒުވާނުންނަށް ވެސް ހުޅުމަލެއިން ޖާގަ އެބައޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުލެ އާއި މާލެއާ ދެމެދު ބުރިޖެއް އަޅަނީ މާލޭގެ ރައްޔިތުންގެ ފައިދާއަށް ނޫން ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ 90 ޕަސެންޓް ރައްޔިތުންނަކީ އަތޮޅުތަކުގެ ރައްޔިތުން ކަމަށެވެ.

comment ކޮމެންޓް