ސީރިއާގެ ހަލަބުގައި ހަރަކާތްތެރިވާ ހަނގުރާމަވެރީން އެސަރަހައްދުން ފައްސާލުމަށްޓަކައި އެގައުމުގެ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރޭގައި އާންމުންގެ ގެތަކަށްވަދެ 82 މީހަކު މަރާލާފައިވާކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ ގޭގައި ތިއްބާ އެއްވެސް ހައްގަކާ ނުލައި މަރާލި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި މި ޖަރީމާތައް ހިންގާފައިވަނީ ހަލަބުގެ އިރުމަތީ ހަތަރު ސަރަހައްދެއްގައި ކަމަށާއި، 100 އަށްވުރެ ގިނަ ކުޑަކުދިން ތިބި އިމާރާތަކަށް ވައިގެ ހަމާލަތައް އަމާޒުކޮށްފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ސީރިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ހަލަބުގައި ހަނގުރާމަވެރިން ވަޒަންވެރިވެގެން އުޅޭތާ މިހާރު ހަތަރު އަހަރު ވެފައިވާއިރު، ސީރިއާގެ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެ ސިޓީން ހަނގުރާމަވެރިން މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ފައްސާލެވިފައެވެ.
ހަލަބުގެ ހަމަލާތައް ވަރުގަދަވެފައިވާ އިރު އެ ސިޓީގައި ހާލުގައި ޖެހިފައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ހަލަބު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ރެފިއުޖީންގެ ގޮތުގައި ދަތުރުކުރަމުންނެވެ.