ދިވެހީން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ދިވެހިރާއްޖޭން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.
ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު އާކުރާއިރު، އެންމެ ފަހުން ނެރުނު ލިސްޓުން ވަނީ ދިވެހީން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްކަމަށް ސީރިއާ އޮތް އޮތުން އުނިކޮށްފައެވެ. ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019ގައެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފައެވެ. ދިވެހި ސަރުކާރުން މި ބަދަލު ގެނައީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުން ދާ ދަނޑިވަޅެއްގައެވެ.

ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މި ޖަމާއަތަކީ ކުރިން އަލްގައިދާއާ ގުޅުން އޮތް ޖަބްހަތުއް ނުސްރާގެ ނަމުގައި މަޝްހޫރުވި ޖަމާއަތް ހިމެނޭހެން، ސޫރިޔާގެ އެކި އިދިކޮޅު ފެކްޝަންތައް އެއްވެގެން 2017 ވަނަ އަހަރު އުފެދުނު އިއްތިހާދެކެވެ.
މި ޖަމާއަތުގެ އިސް ލީޑަރަކީ އަބޫ މުހައްމަދު އަލް ޖޫލާނީ ނުވަތަ އަސްލު ނަމުންނަމަ އަހުމަދު އަލް ޝަރާއެވެ. އޭނާ ވަނީ ފަހުން އަލްގައިދާއާ އޮތް ގުޅުން ކަނޑާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.
މި ޖަމާއަތުގެ މައިގަނޑު މަގްސަދަކީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ގާއިމުކުރުމެވެ. އެގޮތުން 2024ވަނަ އަހަރުގެ ފަހުކޮޅު، މި ޖަމާއަތް އިސްވެ އޮވެ ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ސޫރިޔާގެ ވެރިރަށް ދިިމިޝްގު ހިމެނޭހެން ބޮޑެތި ސިޓީތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
މިއާއެކު ބައްޝާރުލް އަސަދުގެ ދިގު ވެރިކަން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.
އެމެރިކާ އާއި އދ. ފަދަ ބައެއް ފަރާތްތަކުން ކުރިން މި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު އައިސް އެ ޖަމާއަތުން ވަނީ އެމީހުންނަކީ ހަމައެކަނި ސޫރިޔާގެ މައްސަލަތަކަށް އިސްކަންދޭ، މެދުމިންގަނޑެއްގެ ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ.
މިހާރު ސޫރިޔާގައި އުފެދިފައިވާ އިންތިގާލީ ސަރުކާރުގައި މި ޖަމާއަތުން މުހިންމު ދައުރެއް އަދާކުރެއެވެ.
ސީރިއާއަށް ދަތުރުކުރުން ހުއްދަކުރިއިރު، އެއީ ޖިހާދުގެ ނަމުގައި ބައެއް ދިވެހީން ދަތުރުކޮށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ގައުމެކެވެ. ބައެއް ދިވެހީން އެ މީހުންގެ އަނބިދަރިން ވެސް ގެންދިޔައިރު، އެ ތަނުގައި ދަރީން ލިބި، ފަހުން ފިރިން މަރުވެ ނިކަމެތި ހާލުގައި ވެސް އުޅެން ޖެހުނެވެ. އަދި އޭގެ ސަބަބުން އެ މީހުން ނިސްބަތްވާ ގިނަ އާއިލާތަކަކަށް ރާއްޖޭގައި ވެސް އެ ކަމުގެ ދެރައާއި ނިކަމެތިކަން ލިބުނެވެ.