ސީރީއާގައި ބޭނުންކުރާ، ސީރިއަން ޕައުންޑުގެ އަގު ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް، އައު އަހަރާ ދިމާކޮށް އެ ގައުމުން އައު ފައިސާގެ ނޫޓުތަކެއް ތައާރަފުކޮށްފިއެވެ.
ސީރިއާގެ ކުރީގެ ރައީސް، ބައްޝާރުލް އަސަދުގެ ވެރިކަމުގައި ބޭނުންކުރި ނޫޓުތަކުގެ ބަދަލުގައި، އެ ގައުމުގެ މިހާރުގެ ސަރުކާރުން އައު ނޫޓުތަކެއް ނެރުނީ ގައުމަށް ގެންނަ މާލީ އިސްލާހުތަކުގެ ތެރެއިންނެވެ. އެ ނޫޓުތައް ތައާރަފުކޮށްދެއްވީ، ދިމިޝްގުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަގުތީ ރައީސް އަހުމަދު އަލް ޝަރާ އާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލްކާދަރު ހުސްރީއެވެ.
އާ ނޫޓުތަކުން ފެންނަނީ ދަނޑުވެރިކަމާ ގުޅުންހުރި ގުދުރަތީ މަންޒަރުތަކެވެ. އެގޮތުން ފިނިފެންމާ، ހަނޑޫ، ޒައިތޫނި އަދި އޮރެންޖް ފަދަ ގައުމުގެ އިގުތިސާދާއި ތާރީޚާ ގުޅުންހުރި ތަކެތި ހިމެނެއެވެ.
މީގެ ކުރިން ސީރިއާގެ ނޫޓުތަކުން ފެންނަން ހުންނަނީ އަސަދުގެ އާއިލާގެ ފޮޓޯތަކެވެ.
އާ ނޫޓުތައް ތައާރަފުކުރި ނަމަވެސް، މަރުކަޒީ ބޭންކުން ވަނީ ކުރީގެ ފައިސާ ބަދަލުކުރަން 90 ދުވަހުގެ ޓްރާންސިޝަން ޕީރިއަޑެއް ކަނޑައަޅާފައެވެ. އެ މުއްދަތުގައި ކުރީގެ ނޫޓާއި އައު ނޫޓު ވެސް ބޭނުން ކުރެވޭނެއެވެ.

ސީރިއާއިން ތައާރަފްކުރި އާ ނޫޓުތައް. ފޮޓޯ/ޖޭރުއްސަލާމް ޕޯސްޓް
ނޫޓުތައް ތައާރަފުކުރައްވަމުން ޝަރާ ވިދާޅުވި، ހަމައެކަނި އައު ފައިސާއެއް ތައާރަފުކުރުމަކުން އިގުތިސާދު ރަނގަޅުނުވާނެ ކަމަށާއި، ދިގު މުއްދަތަކަށް އިގުތިސާދު ހަރުދަނާވުން ބިނާވެފައިވަނީ އުފެއްދުންތެރިކަން އިތުރުކުރުމާއި، ވަޒީފާނެތް މީހުންގެ އަދަދު މަދުކުރުމާއި، ބޭންކިން ދާއިރާ ހަރުދަނާކުރުމުގެ މައްޗަށް ކަމަށެވެ.
ހަނގުރާމައާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން 2011 ވަނަ އަހަރުން ފެށިގެން ސީރިއާ ޕައުންޑުގެ އަގު ވަނީ 99 ޕަސަންޓަށް ދަށްވެފައެވެ.
މިހާރު، 11،000 ސީރިއާ ޕައުންޑަކީ އެންމެ ޑޮލަރަކަށްވާ ފައިސާ ކަމަށްވާއިރު، އަސާސީ ތަކެތި ގަތުމަށްވެސް އެހާ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އާ ނޫޓު ތައާރަފުކުރުމަކީ ފައިސާގެ އަގު މަތިކުރުމަށް އެޅި ފިޔަވަޅެއް ނަމަވެސް، ހަރުދަނާ އިސްލާހުތަކެއް ނެތި، ހަމައެކަނި ފައިސާއިން އިންފްލޭޝަން ނުހުއްޓުވޭނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.
އަސަދުގެ ވެރިކަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވައްޓާލިފަހުން އައި އާ ވެރިކަމުން ވަނީ، އިގްތިސާދީ އަދި ސިޔާސީ ބޮޑެތި އިސްލާހުތަކެއް އަޅަން ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ތަކެތީގެ އަގު އުފުލުމާ ގުޅިގެން ބަލްގޭރިއާއިންވެސް ވަނީ އާ އަހަރާ ދިމާކޮށް އެ ގައުމުގެ ފައިސާގެ ގޮތުގައި ޔޫރޯ ތައާރަފުކޮށްފައެވެ.