ދިވެހީން ސީރިއާއަށް ދަތުރުކުރުން ހުއްދަކުރި ނަމަވެސް، ދިވެހި ސަރުކާރުން މިހާރުގެ ސީރިއާ ސަރުކާރު ބަލައިގަތުމުގެ ކުރިން އެ ގައުމަށް ދިޔަ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ދިވެހީން ސީރިއާއަށް ދަތުރުކުރުން ހުއްދަކޮށް، ސީރިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ޙަޔާތު ތަޙްރީރުއްޝާމް (އެޗްޓީއެސް) ރާއްޖޭން ކަނޑައަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފައެވެ.
ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރާ އެ ލިސްޓުގައި، ދިވެހީން ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ ކަނޑައެޅީ އޮކްޓޯބަރު 31، 2019ގައެވެ. އެއީ ޖިހާދު ކުރުމުގެ ނަމުގައި އެ ގައުމުގައި ހިނގަމުން ދިޔަ ހަނގުރާމައިގައި ބައިވެރިވުމަށް އެތައް ދިވެހީންނެއް އެ ގައުމަށް އޭރު ގޮސް އުޅޭތީއެވެ.
ނަމަވެސް މިހާރު އެ ލިސްޓުން ސީރިއާ އުނިކޮށްފައިވާތީ ދިވެހީން އެ ގައުމަށް މިހާރު ގޮސް އައިސް އުޅުމަކީ ކުށެއް ނޫނެވެ.
މިކަމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާޠިމަތު ރިފާޢަތު 'ސަން'އަށް ވިދާޅުވީ، ދިވެހި ސަރުކާރުން ސީރިއާގެ މިހާރުގެ ސަރުކާރު ބަލައިގަތުމުގެ ކުރިން, އެ ގައުމަށް ގޮސް ތިބި މީހުންނަށް ކުރިންވެސް އޮތްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ އައި ބަދަލާއެކު މިހާރުން ފެށިގެން އެ ގައުމަށް ގޮސް އައިސް އުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން އަދިވެސް ރާއްޖެ ނާދެވި އެ ގައުމުގައި ތިބިއިރު އެ މީހުންނާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް އެހުމުން ރިފާޢަތު ވިދާޅުވީ އެ މީހުން ރާއްޖެ ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ, ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ދިވެހި ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން ރާއްޖެ ގެނެސްފައެވެ. އެ މީހުން ރާއްޖެ ގެނެސް ގެންދިޔައީ, ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށެވެ.
އޭރު ހޯމް މިނިސްޓްރީން ބުނީ އަދިވެސް ރާއްޖެ އަންނަން ބޭނުންވާ 90 މީހުން ހަނގުރާމައިގައި އެބަތިބި ކަމަށެވެ. 
އިރު އުތުރު ސީރިއާގައި ހުންނަ އަލް ހައުލް ކޭމްޕް: މި ކޭމްޕުގައި ތިރީހަކަށް ދިވެހީން އުޅުނު --
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭން ކަނޑައަޅާފައިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް ބަދަލު ގެނެސް އެ ލިސްޓުން ސީރިއާގައި މިހާރު ވެރިކަންކުރާ އެޗްޓީއެސް އުނިކުރީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުންދާ ދަނޑިވަޅެއްގައެވެ.
އެޗްޓީއެސްއަކީ ސީރިޔާގައި ހަރަކާތްތެރިވި ހަނގުރާމަވެރި ޖަމާއަތެކެވެ. މި ޖަމާއަތަކީ ކުރިން އަލްޤައިދާއާ ގުޅުން އޮތް ޖަބްހަތުއްނުސްރާގެ ނަމުގައި މަޝްހޫރުވި ޖަމާއަތް ހިމެނޭހެން، ސީރިޔާގެ އެކި އިދިކޮޅު ފެކްޝަންތައް އެއްވެގެން 2017 ވަނަ އަހަރު އުފެދުނު އިއްތިހާދެކެވެ.
މި ޖަމާއަތުގެ އިސް ލީޑަރަކީ އަބޫ މުޙައްމަދު އައްޖޫލާނީ ނުވަތަ އަސްލު ނަމުންނަމަ އަޙްމަދު އައްޝަރާއެވެ. އޭނާ ވަނީ ފަހުން އަލްގައިދާއާ އޮތް ގުޅުން ކަނޑާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.
މި ޖަމާއަތުގެ މައިގަނޑު މަގްސަދަކީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ގާއިމުކުރުމެވެ. އެގޮތުން 2024ވަނަ އަހަރުގެ ފަހުކޮޅު، މި ޖަމާއަތް އިސްވެ އޮވެ ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ސޫރިޔާގެ ވެރިރަށް ދިިމިޝްގު ހިމެނޭހެން ބޮޑެތި ސިޓީތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެއާއެކު ބައްޝާރުލް އަސަދުގެ ދިގު ވެރިކަން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.
އެމެރިކާ އާއި އދ. ފަދަ ބައެއް ފަރާތްތަކުން ކުރިން މި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު އައިސް އެ ޖަމާއަތުން ވަނީ އެ މީހުންނަކީ ހަމައެކަނި ސީރިޔާގެ މައްސަލަތަކަށް އިސްކަންދޭ، މެދުމިންގަނޑެއްގެ ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ.
މިހާރު ސީރިޔާގައި އުފެދިފައިވާ އިންތިގާލީ ސަރުކާރުގައި މި ޖަމާއަތުން މުހިންމު ދައުރެއް އަދާކުރެއެވެ.
ސީރިއާއަށް ދަތުރުކުރަން ހުއްދަދިންއިރު، އެއީ ޖިހާދުގެ ނަމުގައި ބައެއް ދިވެހީން ދަތުރުކޮށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ގައުމެކެވެ. ބައެއް ދިވެހީން އެ މީހުންގެ އަނބިދަރިން ވެސް ގެންދިޔައިރު، އެ ތަނުގައި ދަރީން ލިބި، ފަހުން ފިރިން މަރުވެ ނިކަމެތި ހާލުގައި ވެސް އުޅެން ޖެހުނެވެ. އަދި އޭގެ ސަބަބުން އެ މީހުން ނިސްބަތްވާ ގިނަ އާއިލާތަކަކަށް ރާއްޖޭގައި ވެސް އެ ކަމުގެ ދެރައާއި ނިކަމެތިކަން ލިބުނެވެ.