އަވަސް އިންޓަނެޓްގެ ހިދުމަތް ކިއުބާ އަށް ފޯރުކޮށްދިނުމަށް ގޫގުލްއާ އެކު އެއްބަސްވެއްޖެ

ކިއުބާގައި ވައިފައި ހޮޓްސްޕޮޓްގެ ހިދުމަތްދޭ ތަނަކުން އެގައުމުގެ އާއްމުން ހިދުމަތްހޯދަނީ ---

ހަވާނާ (އޭއެފްޕީ) – ލިމިޓެޑް އިންޓަނެޓް ސާވިސް އެއް ލިބެމުންދާ ކިއުބާއަށް އަވަސް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ގޫގަލްއާ އެކު ކިއުބާގެ މުވާސަލާތީ ކުންފުނި، އެޓެކްސާ އިން އެއްބަސްވެއްޖެ އެވެ.

އެ އެއްބަސްވުން ވެފައި މިވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ހަފްތާތެރޭގަ އެވެ.

އެމެރިކާގެ ޓެކް ކުންފުނި، ގޫގުލް އިން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ކޮންޓެންޓްތަކުގެ ތެރޭގައި ހިމެނޭ ޖީމެއިލް އަދި ޔޫޓިއުބް ހިމެނޭ "ގޫގުލް ގުލޯބަލް ކެޗް"ގެ ނެޓްވޯކަށް ކިއުބާގެ އަށް ވަދެވޭނެ ކަމަށެވެ.

ކިއުބާއަކީ ދުނިޔޭގައި އެންމެ މަދުން އިންޓަނެޓަށް ވަންނަ މީހުން އުޅޭ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ވެސް އޮންލައިނަށް ވަދެފައި ވަނީ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކިއުބާގައި ގޭގައި އިންޓަނެޓްގެ ހިދުމަތް ލިބެނީ ހަމައެކަނި ނޫސްވެރިންނަށާއި ޑޮކްޓަރުން ފަދަ ކަނޑައަޅާފައިވާ ވަކި ބަޔަކަށެވެ.

އާއްމުންނަށް ކިއުބާގައި އިންޓަނެޓްގެ ހިދުމަތްދިނުމަށް ދައުލަތުން 900 އިންޓަނެޓް ކެފޭ އާއި 200 ވައިފައި ހޮޓްސްޕޮޓް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް މަހެއްގެ މައްޗަށް މީހަކަށް ގާތްގަނޑަކަށް 29 ޑޮލަރުގެ އާމްދަނީއެއް ޖެހޭ ޢެގައުމުގައި އިންޓަނެޓަށް ގަޑިއިރަކަށް ދެ ޑޮލަރު ނަގަ އެވެ.

އެމެރިކާއާއި އެ ގައުމާ އަވަށްޓެރި ކިއުބާއާ ދެމެދު އޮތް ބައި ގަރުނުވީ ދުޝްމަންކަން ނިމުމަކަށް ގެނެސް ދެގައުމުގެ ސުލްހަވެއްޖެކަން އިއުލާންކުރީ މިއަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އެ ދެގައުމުގެ ދޭތެރޭގައި އޮތް ގުޅުންތައް އަނެއްކާ ވެސް ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރިޔާސީ އިންތިހާބް ކާމިޔާބުކުރެއްވި ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

comment ކޮމެންޓް