ބޮޑީބޯޑް ޑިވިޝަންގެ ރަން ވަނަތައް ރާއްޖޭގެ ބޮޑީބޯޑަރުންނަށް!

ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ބޮޑީބޯޑް ޑިވިޝަންގެ އެއްވަނަ ހޯދި ކުޑަ އައްޔަ(ކ) އާއި، ދެވަނަ ހޯދި ދޫނި(މ) އަދި ތިންވަނަ ހޯދި ޖާއްޓޭ(ވ) --- ފޮޓޯ/ އެމްބީބީއޭ

މެލޭޝިއާގެ ޗެރެޓިން ބީޗްގައި ކުރިއަށްދިޔަ 'ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން ޓޯނަމެންޓް 2016'ގެ ބޮޑީބޯޑް ޑިވިޝަންގެ ގަދަ ތިނެއްގެ ޖާގަތައް ރާއްޖޭގެ ބޮޑީބޯޑަރުން ހޯދައިފި އެވެ.

އެ މުބާރާތުގެ ބޮޑީބޯޑް ޑިވިޝަންގެ ފައިނަލް ހީޓްތަކުގައި މިއަދު ވާދަކޮށް، ރާއްޖޭގެ އެއްވަަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އާއި، އަލީ ޖާވިދު (ޖާއްޓޭ) އަދި އަސްވާން މުހައްމަދު (ދޫނި) ވަނީ ގަދަ ތިނެއްގެ ޖާގަތައް ހޯދައިފައެވެ.

ބޮޑީބޯޑް ޑިވިޝަންގެ އެއް ވަނަ ރާއްޖޭގެ ކުޑަ އައްޔަ ހޯދި އިރު، ދެ ވަނަ ހޯދާފައި ވަނީ ދޫނި އެވެ. އަދި އެ ޑިވިޝަންގެ ތިން ވަނަ ރާއްޖޭގެ ޖާއްޓޭ ހޯދި އިރު، ހަތަރު ވަނަ ހޯދީ މެލޭޝިއާގެ ބޮޑީބޯޑަރެކެވެ. ރާއްޖޭގެ ބޮޑީބޯޑަރުންގެ ތެރެއިން ކުޑަ އައްޔަ އާއި ޖާއްޓޭ އަކީ ގައުމީ ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންގެ ތެރެއިން ދެ ބޮޑީބޯޑަރުންނެވެ. އަދި ދޫނި އަކީ އަމިއްލަ ހަރަދުގައި އެ މުބާރާތުގައި ބައިވެރިވި ބޮޑީބޯޑަރެކެވެ.

އެ މުބާރާތުގައި ކުޑަ އައްޔަ އާއި ޖާއްޓެ އާއި ދޫނިގެ އިތުރުން ދެން ވާދަކުރީ ގައުމީ ޓީމުގެ މުހައްމަދު އިހުސާން (ޗިއްކޮ) އާއި އަލީ ޝާމް ރާފިއު އާއި އަމިއްލަ ހަރަދުގައި ބައިވެރިވި އަހްމަދު ފައުޒާން އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ޗިއްކޮ އާއި ފައުޒާން ދަތުރުކުރި އިރު، ޖަޖިން ކުށަކާ ގުޅިގެން ޝާމް ވަނީ ފުރަތަމަ ބުރާ ހަމައިން އަލްވަދާއު ކިޔަން ޖެހިފައެވެ.

އެ މުބާރާތަށް ފަހު މެލޭޝިއާގެ ކުއަންޓަންގައި މި މަހުގެ 17 އިން 18 އަށް ކުރިއަށްގެންދާ 'ބޮޑީބޯޑިން އެޓޭކް 2016'ގައި ވެސް ރާއްޖޭގެ ބޮޑީބޯޑަރުން ވާދަކުރާނެ އެވެ. އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީބޯޑަރުންނަކީ ގައުމީ ޓީމުގައި ހިމެނޭ ކުޑަ އައްޔަ އާއި، ޗިއްކޮ އާއި، ޝާމްގެ އިތުރުން އެމްބީބީއޭގެ ހަރަދުގައި ވާދަކުރާ މުހައްމަދު ނަބީލް އާއި، އަމިއްލަ ގޮތުން ބައިވެރިވެފައިވާ ފައުޒާން އާއި، ދޫނި އަދި މުހައްމަދު ހައިލަމް އެވެ.

comment ކޮމެންޓް