މާލޭ ރާޅުގަނޑުން ތުލުސްދޫއަށް: ''މޯލްޑިވްސް ޕްރޯ'' އޮގަސްޓް މަހު ފަށަނީ

ރާއްޖޭގައި 2024 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ޕްރޯގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ބޮޑީބޯޑިން ކަލަންޑަރުގައި ހިމެނޭ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ، އައިބީސީ ވޯލްޑް ޓުއާގެ "މޯލްޑިވްސް ޕްރޯ" މި އަހަރު އަލުން ބޭއްވުމަށް ނިންމައި، މުބާރާތް ކ. ތުލުސްދޫގައި ބާއްވަަން ނިންމައިފިއެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މީގެ ކުރިން ތިން އަހަރު ވަންދެން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މި މުބާރާތް ތުލުސްދޫގައި ބާއްވާއިރު، އެ ރަށުގައި ވަނީ މީގެ ކުރިން އޭޝިއާގެ ސާފިން ޗެމްޕިއަންޝިޕް ދެ ފަހަރަށް ކާމިޔާބުކަމާއެކު ހޯސްޓްކޮށްފައެވެ.

އަންނަ އޮގަސްޓް މަހުގެ 12 އިން 21 އަށް ކުރިއަށްގެންދާ މި މުބާރާތުގައި މައިގަނޑު ތިން ކެޓަގަރީއެއް ހިމެނެއެވެ. އެއީ ފިރިހެން ރައިސިން ސީރީސް އާއި، އަންހެން ޕްރައިމް ސީރީސްގެ އިތުރުން ފިރިހެން ޖޫނިއާ ރައިސިން ސީރީސްއެވެ.

މުބާރާތުގެ ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތަކަށް ބަލާއިރު، އަންހެން ޕްރައިމް ސީރީސްގެ ޗެމްޕިއަނަށް 25,000 ޑޮލަރާއި ވޯލްޑް ރޭންކިންގެ 3500 ޕޮއިންޓް ލިބޭނެއެވެ. ފިރިހެން ރައިސިން ސީރީސްގެ ޗެމްޕިއަނަށް 20,000 ޑޮލަރާއި 2000 ޕޮއިންޓް ކަނޑައަޅާފައިވާއިރު، ޖޫނިއާ ޗެމްޕިއަނަށް ލިބޭނީ 2,500 ޑޮލަރާއި 500 ރޭންކިން ޕޮއިންޓެވެ.

މިދިޔަ އަހަރު އެކި ސަބަބުތަކާ ހުރެ މުބާރާތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މި އަހަރު އެމްބީބީއޭ އިން ވަނީ 14 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށް، ސަރުކާރާ ގުޅިގެން މުބާރާތް އެންމެ ފުރިހަމައަށް އިންތިޒާމުކުރުމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް