މޯލްޑިވްސް ޕްރޯގެ ސެމީ ފައިނަލަށް ދަތުރުކޮށް ކުޑައައްޔަ އާއި އާމިން ތާރީޚުގެ ތެރެއަށް

މޯލްޑިވްސް ޕްރޯ 2026 ގެ ސެމީން ޖާގަ ހޯދި ކުޑަ އައްޔައާއި އާމިން އުމަރު މޫސާ--

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ "މޯލްޑިވްސް ޕްރޯ 2026" ބޮޑީބޯޑިން މުބާރާތުގެ އޯޕަން ކެޓަގަރީގެ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑައައްޔަ) އާއި މިދިޔަ އަހަރުގެ ގައުމީ ލީގު ޗެމްޕިއަން އާމިން އުމަރު މޫސާ ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މި ކާމިޔާބީއާއެކު ދިވެހި ޓީމުން މި މުބާރާތަށް ކަނޑައެޅި އަމާޒު ވަނީ ހާސިލުވެފައެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ އޯޕަން ކެޓަގަރީ ސެމީ ފައިނަލުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ހަތަރު އެތުލީޓުން ކަމަށްވާ ޚުޝްރުވާން، އާމިން، ނޫހް މުހައްމަދު ދުނައިމް އިރުޝާދު އަދި އަޝްރަފް ހަސަން ވާދަކުރިއެވެ.

ކުއާޓާ ފައިނަލް އިވެންޓަށްފަހު ކުޑައައްޔަ-- ފޮޓޯ: މުއްތު، ހުޕާ، ހުމެއިދު

ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކޮށް ޚުޝްރުވާން ސެމީގެ ޖާގަ ހޯދީ ނޫހްގެ މައްޗަށް 0.9 ޕޮއިންޓުގެ ކުރިއެރުމަކުންނެވެ. މި ހީޓުގައި ޚުޝްރުވާން މުޅިއެކު 14.50 ސްކޯކުރިއެވެ. އެއީ 3 ވަނަ ރާޅުން 7.00 އަދި 4 ވަނަ ރާޅުން 7.50 އެވެ. ނޫހު އަށް ލިބުނީ 13.60 ސްކޯއެކެވެ. އެއީ 7 ވަނަ ރާޅުން 6.50 އަދި 8 ވަނަ ރާޅުން 7.10 އެވެ.

އާމިން ސެމީން ޖާގަ ހޯދީ ކުއާޓާގެ ހަތަރުވަނަ ހީޓުގައި ހޫގޯ ނައުޑޭގެ މައްޗަށް 0.25 ޕޮއިންޓުގެ ކުރިހޯދުމަކުންނެވެ. މި ހީޓުގައި އާމިން މުޅިއެކު 13.25 ސްކޯކުރިއެވެ. އެއީ އެއްވަނަ ރާޅުން 6.00 އަދި 3 ވަނަ ރާޅުން 7.25 އެވެ. ނައުޑޭއަށް ލިބުނީ 13.00 ގެ ސްކޯއެކެވެ.

ކުއާޓާ ފައިނަލް އިވެންޓަށްފަހު އާމިން އުމަރު މޫސާ -- ފޮޓޯ: މުއްތު، ހުޕާ، ހުމެއިދު

ސެމީ ފައިނަލުގައި ޚުޝްރުވާން ނުކުންނަން ޖެހޭނީ އައިބީސީގެ އެންމެ ކާމިޔާބު އެއް އެތުލީޓު، ދުނިޔޭގެ ޗެމްޕިއަން ޕިއެރޭ ލުއިސް ކޮސްޓެސް (ޕީއެލްސީ) އާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ ހީޓުގައި އާމިން ވާދަކުރާނީ އާމިޑޭ ސޮލިވެރެސް އާ ދެކޮޅަށެވެ.

comment ކޮމެންޓް