ބޮޑީބޯޑް ޑިވިޝަނުގެ ސެމީއަށް ރާއްޖޭގެ ތިން ބޮޑީބޯޑަރަކު ދަތުރުކޮށްފި

ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބޮޑީބޯޑަރުން --- ފޮޓޯ/ އެމްބީބީއޭ

މެލޭޝިއާގެ ޗެރެޓިން ބީޗްގައި ކުރިއަށްދާ 'ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން ޓޯނަމެންޓް 2016'ގެ ބޮޑީބޯޑް ޑިވިޝަންގެ ސެމީ ފައިނަލަށް ރާއްޖޭގެ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) އާއި، އަލީ ޖާވިދު (ޖާއްޓޭ) އަދި އަސްވާން މުހައްމަދު (ދޫނި) ދަތުރުކޮށްފި އެވެ.

ލޯންގްބޯޑް ޑިވިޝަނާ އެކު އިއްޔެ އެ މުބާރާތް ފެށި ނަމަވެސް، ބޮޑީބޯޑް ޑިވިޝަން ފަށާފައި ވަނީ މިއަދު އެވެ. އެ ޑިވިޝަނުގައި ރާއްޖޭގެ ހަ ބޮޑީބޯޑަރުންނާއެކު ޖުމްލަ 20 ބޮޑީބޯޑަރަކު ވާދަކުރެ އެވެ.

ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ރާއްޖޭގެ ކުޑަ އައްޔަ ވާދަކުރަނީ: ބޮޑީބޯޑް ޑިވިޝަންގެ ސެމީން ކުޑަ އައްޔަ ވަނީ ޖާގަ ހޯދާފައި --- ފޮޓޯ/ އެމްބީބީއޭ

އެ މުބާރާތުގެ ބޮޑީބޯޑިން ޑިވިޝަނުގެ ސެމީ އަށް ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ އާއި، ޖާއްޓޭ އަދި ދޫނި ދަތުރުކޮށްފައި ވަނީ ކުއާޓާ ފައިނަލްގެ ހީޓްތަކުން ކުރި ހޯދައިގެންނެވެ. ކުޑަ އައްޔަ އަދި ޖާއްޓޭ އަކީ ގައުމީ ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންގެ ތެރެއިން ދެ ބޮޑީބޯޑަރުންނެވެ. އަދި ދޫނި މުބާރާތުގައި ވާދަކުރަމުން ދަނީ އަމިއްލަ ހަރަދުގައެވެ.

ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ރާއްޖޭގެ ޖާއްޓޭ ވާދަކުރަނީ: ބޮޑީބޯޑް ޑިވިޝަންގެ ސެމީން ޖާއްޓޭ ވަނީ ޖާގަ ހޯދާފައި --- ފޮޓޯ/ އެމްބީބީއޭ

ގައުމީ ޓީމުގައި ހިމެނޭ މުހައްމަދު އިހުސާން (ޗިއްކޮ) ކުއާޓާއާ ހަމައަށް ދަތުރުކުރި އިރު، އަމިއްލަ ހަރަދުގައި ވާދަކުރި އަހްމަދު ފައުޒާން ވެސް ކުއާޓާގައި ވާދަކުރި އެވެ.

ގައުމީ ޓީމުގައި ދެން ހިމެނޭ އަލީ ޝާމް ރާފިއު ރަނގަޅު ނަތީޖާއެއް ނެރުނު ނަމަވެސް، ޖަޖުންނަށް ހެދުނު ގޯހަކުން އޭނާއަށް ވަނީ ފުރަތަމަ ބުރާ ހަމައިން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. މެލޭޝިއާގެ ބޮޑީބޯޑަރަކާ އެކު އެއް ރާޅެއްގައި ވާދަކުރަމުންދިޔަ އިރު ޖަޖުން ނިންމީ މެލޭޝިއާގެ ބޮޑީބޯޑަރު ކުރިމައްޗަށް ޝާމް އެރީ ކަމަށެވެ.

ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ރާއްޖޭގެ ދޫނި ވާދަކުރަނީ: ބޮޑީބޯޑް ޑިވިޝަންގެ ސެމީން ދޫނި ވަނީ ޖާގަ ހޯދާފައި --- ފޮޓޯ/ އެމްބީބީއޭ

އެ މުބާރާތުގެ ޝޯޓްބޯޑު އޯޕަން ޑިވިޝަނުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވާދަކޮށްފައިވެ އެވެ. ފުކޫ ވަނީ އެ އެ ޑިވިޝަނުގެ ސެމީން ވެސް ޖާގަ ހޯދައިފަ އެވެ.

އެ މުބާރާތް މާދަމާ ނިމިގެންދާއިރު، މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދެ އެވެ. އެ މުބާރާތުގައި ޖުމްލަ 110 އެތުލީޓުން ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް