ގައުމީ ދެ ރެކޯޑެއް ނިޝްވާން އާކޮށްފި

ރާއްޖޭގެ ހުނަރުވެރި ޒުވާން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް: އޭނާ ވަނީ 100 މީޓަރު ބަޓްފްލައި އިވެންޓާއި 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައި --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިއަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ނިޝްވާން އިބްރާހިމް ގައުމީ ދެ ރެކޯޑެއް އާކޮށްފި އެވެ.

އެ މުބާރާތުގައި ނިޝްވާން ވަނީ 100 މީޓަރު ބަޓަފްލައި އިވެންޓާއި 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް، އެ ދެ އިވެންޓުގެ ގައުމީ ރެކޯޑު ވަނީ އާކޮށްފަ އެވެ.

އިއްޔެ ނިޝްވާން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވާ އިރު، އެ އިވެންޓުގައި ރާއްޖެއިން ދެން ވާދަކުރީ އިސްމާއިލް މުއުތަސިމް އަދުނާން އެވެ.

ދުނިޔޭގެ ތަފާތު ގައުމުތަކުގެ އަށް ފެތުންތެރިން ވާދަކުރި އެ އިވެންޓް ނިޝްވާން ފުރިހަމަ ކޮށްފައިވަނީ 01:00.71 އިންނެވެ. އިސްމާޢީލް މުޢުތަސިމް ޢަދުނާން އިވެންޓް ފުރިހަމަ ކޮށްފައިވަނީ 01:05.97 ންނެވެ.

ނިޝްވާން ގައުމީ ރެކޯޑު ހަދާފައިވަނީ މީގެ ކުރިން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑަށްވުރެ އަށް ސިކުންތު އަވަސް ވަގުތަކުންނެވެ. އެ އިވެންޓުގެ ރެކޯޑް މީގެ ކުރިން އޮތީ މުހައްމަދު މުއުތަސިމް އަދުނާނުގެ އަތުގައެވެ. ގަތަރުގެ ދޯހާގައި 2014 ވަނަ އަހަރު އޮތް 12 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި 100 މީޓަރު ބަޓަފްލައިގެ ގައުމީ ރެކޯޑް އޭނާ ހަދާފައިވަނީ 01:08.13 އިންނެވެ.

އިއްޔެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ނިޝްވާން އާކުރީ 00:25.73 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ އިވެންޓުގެ ގައުމީ ރެކޯޑު ކުރިން ވެސް އޮތީ ނިޝްވާން އަތުގައެވެ. އޭރު ނިޝްވާން ގައުމީ ރެކޯޑު އާކުރީ ޤަތަރުގެ ދޯހާގައި 2014 ވަނަ އަހަރު ބޭއްވި 12 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި 00:25.85 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ނިޝްވާން އަކީ ރާއްޖޭގެ ހުނަރުވެރި ފެތުންތެރިއެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ނިޝްވާން ތައުލީމު ހާސިލްކުރުމަށްފަހު މިހާރު ފެތުމުގެ ތަމްރީނު ހަދަމުންދަނީ ދެކުނު އެފްރިކާގެ ޑާބަންގައެވެ.

މިމަހު 7 ވަނަ ދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާއިލް މުއުތަސިމް އަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން އައިޝަތު ސައުސަން އެވެ.

comment ކޮމެންޓް