ކައުންސިލް އިންތިހާބަށް ރީ ރެޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީހަކީ މިމަހު ސާދަ

ލޯކަލް ކައުންސިލް އިންތިޚާބުގެ އެކި އެކި މަސައްކަތްތައް ކުރުމަށްޓަކައި ބާ ޖަމާލުއްދީނުގައި ގާއިމްކޮށްގައިވާ އިންތިހާބީ މަރުކަޒު --- ފޮޓޯ// މުހައްމަދު އަފްރާހް

ލޯކަލް ކައުންސިލް އިންތިހާބުގައި ރެޖިސްޓްރީ ވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ރި ރެޖިސްޓްރީ ކުރުމުގެ ފަހު ތާރީހަކީ މިމަހުގެ 14 ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

މީގެކުރިން އިލެކްޝަނުން ރީ ރެޖިސްޓްރީވާން އެންމެ ފަހު ތާރީހެއް ގޮތުގައި ކަނޑައަޅާފައި ވަނީ ނޮވެމްބަރު 21 އެވެ. ނަމަވެސް އެތާރީހަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ރީ ރެޖިސްޓްރީ ކުރުން އޮތީ ފަސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރެޖިސްޓްރީ ވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

ރީ ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މާލޭގައި ނަމަ އިންތިހާބީ މަރުކަޒު، ބާޖަމާލުއްދީނަށް އަދި ރަށްރަށުގައި ނަމަ ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުވުމަށް އިލެކްޝަނުން އެދެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބޭއްވުމަށް އިލެކްޝަނުން އިއުލާނުކޮށްފައިވަނިކޮށް ސިވިލް ކޯޓުން ވަނީ އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ހުކުމް ކޮށްފައެވެ. އެމައްސަލަ އީސީއިން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

ސިވިލް ކޯޓުން އިންތިހާބު ފަސްކުރަން ހުކުމް ކުރީ ޕީޕީއެމްގެ ލިޔެކިޔުންތައް ގެއްލިގެން ޕްރައިމެރީ ބޭއްވޭނެ ފަދަ ހާލަތެއް ނެތުމުން ހާލަތުއް ޟަރޫރާގެ ދަށުން އިންތިހާބު ފަސްކޮށްދޭން އެދުމުންނެވެ.

comment ކޮމެންޓް