ގަސްތުގައި ކޯލްމަންއަށް ހަމަލާ ދީފައެއް ނުވާނެ: އިބްރަހިމޮވިޗް

ރޭގެ މެޗުގައި އެވަޓަންގެ ކޯލްމަންއާއި ޔުނައިޓެޑްގެ އިބްރަހިމޮވިޗްއާ ދެމެދު ހިނގި ހާދިސާގެ ތެރެއިން --- ފޮޓޯ/ ގެޓީ

އެވަޓަން ޑިފެންޑަރު ޝޭމަސް ކޯލަމަންއަށް ގަސްތުގައި ހަމަލާ ދީފައި ނުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކޯލްމަންގެ ބޮލުގައި އިބްރަހިމޮވިޗްގެ ފައިން ޖެހިފައިވެ އެވެ.

"އެމީހުން ވަރަށް ވަރުގަދަ އަށް ކުޅުނީ. އަހަރެން ގަސްތުގައި ކޯލަމަންގެ ބޮލުގައި ޖެހީ ކަމަށް ކޮމަންޓޭޓަރަކު ބުނި އަޑު އަހަރެންނަށް އިވުނު. އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. އެއީ 50-50 ޗެލެންޖެއް. އަހަރެން ވެއްޓުމުން އޭނާ ގައިގައި އަތްނުލެވޭތޯ އަހަރެން ބެލީ،" އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި ސްވިޑަން ތަރި އިބްރަހިމޮވިޗް ބުންޏެވެ.

ރޭގެ މެޗުގައި އިބްރަހިމޮވިޗް ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ހޯދައިދީފައި ވަނިކޮށް، އެވަޓަނަށް ލިބުނު ޕެނަލްޓީ އަކުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ ލެއިޓަން ބޭއިންސް އެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އެއީ ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ޓީމެއް ނުވަތަ ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން މަސައްކަތްކުރާ ޓީމަކަށް ރަނގަޅު ނަތީޖާތަކެއް ނޫނެވެ.

comment ކޮމެންޓް