ގައުމީ ޓީމާ ހަވާލުވެވުމަކީ، ކޯޗިން ކެރިއަރުގައި ވިސްނާ ނުލާ ހެދުނު ގޯހެއްކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު، އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ކާމިޔާބު ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފިއެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ އޮންލައިން މީޑިއާއެއް ކަމަށްވާ، ގޯލް.ކޮމްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ޕޮޕޯފް ބުނީ، ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަށް ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެހެން ނަމަވެސް އެއީ ވިސްނާ ނުލާ ހެދުނު ގޯހެއް ކަމަށެވެ.
މެލޭޝިއާގެ ސުޕަރ ލީގު ކްލަބެއް ކަމަށްވާ ކެލަންޓަންގެ ކޯޗުކަމުގައި މިހާރު ހުރި، އުމުރުން 40 އަހަރުގެ ޕޮޕޯފް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.
"އަހަރެން އެ ނިންމުން ނިންމީ، ހިތް އެދޭގޮތަށް، އެއީ ސިކުޑީގެ ބޭނުން ހިފައިގެން ނިންމި ނިންމުމެއް ނޫން." ޕޮޕޯފް ބުންޏެވެ.
އެހާ 'ޅަ އުމުރެއްގައި' ގައުމީ ޓީމެއްގެ ކޯޗު ކަމާ ހާވަލުވުމަކީ 'ވަރަށް ބޮޑު ކަމެއް' ކަމަށާއި އަދި އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމަށް އެއްބަސްވުމުގައި ޖަޒުބާތީ ކަންތައްތަކެއް ހިމެނޭކަމަށް ޕޮޕޯފް ބުންޏެވެ.
ޕޮޕޯވް ބުނީ، ގައުމީ ޓީމުގެ ކޯޗުކަން ގަބޫލުކޮށް އެނބުރި ރާއްޖެއައީ، ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރީންނާއި ފޭނުންގެ ސަބަބުން ކަމަށެވެ.
"އަހަންނަށް [ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން އިޚްތިޔާރުކުރުމުގައި] ގޯހެއް ހެދުނީ، އަލީ އަޝްފާގު، އިމްރާން މުހައްމަދު ފަދަ ކުޅުންތެރީންގެ އެދުމަށް، އަހަރެންގެ ހިތްއެދޭގޮތަށް ކަންތައް ކުރެވުމުން. ކޮންމެ ދުވަހަކުހެން، 'އާދޭ، އާދޭ، އާދޭ' ކިޔާ އެ ކުޅުންތެރީން އަހަރެން ގާތު އާދޭސްކުރަމުން. އަދި ފޭނުންވެސް ދިޔައީ އެދެމުން،" ތައިލެންޑުގެ ސުފާންބުރީ އެފްސީގެ ކޯޗުކަމުން ރާއްޖޭގެ ގައުމީ ޓީމާ ގުޅުނު ސަބަބު ޕޮޕޯފް ކިޔައިދިނެވެ.
ޕޮޕޯފް ބުނީ، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ، އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަންކުރުމަށް އެފްއޭއެމުން ފުރުސަތު ނުދިނުމުން ކަމަށެވެ.
"ނަސީބު ކަންދިމާކުރި ގޮތުން، އަހަންނާ އެފްއޭއެމާ އޮތް ގުޅުން އެހާ ރަނގަޅެއް ނޫން. އެމީހުން ނުދިން އަހަރެން ބޭނުންވާ ގޮތަށް ޓީމު ބައްޓަންކުރާން ފުރުސަތެއް. އެހެންކަމުން އަހަރެން ނިންމީ އިސްތިއުފާދޭން،" ތަޖްރިބާކާރު ކޯޗު ބުންޏެވެ.
ޕޮޕޯފް ބުނީ، ގައުމީ ޓީމަކާއި ކްލަބެއްގެ ކޯޗުކަން އިހްތިޔާރުކުރާން ލިބިއްޖެ ހާލަތެއްގައި އަބަދުވެސް އިސްކަންދޭނީ، ކްލަބުގެ ކޯޗުކަމަށް ކަމަށެވެ. ސަބަބަކީ، އޭނާއަކީ ކޮންމެ ދުވަހަކުވެސް ޓީމާއެކު ދަނޑުމަތީގައި ހަރަކާތްތެރިވާ ބޭނުންވާ ކޯޗަކަށް ވުންކަމަށް އޭނާ ބުންޏެވެ.
ކްރޮއޭޝިއާގެ ޑްރެގޯ މަމިޗްގެ ފަހުން، ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި، ފުޓްބޯޅައިގައި ދިވެހީންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ޕޮޕޯފްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު ފަސް މެޗުގެ ތެރޭން މޮޅުވެފައި ވަނީ، އެންމެ މެޗަކުންނެވެ. އެއީ އައިއޯއައިޖީގައި ސީޝެލްސް އަތުން 2-1 ލަނޑުން މޮޅުވި މެޗެވެ.
ގައުމީ ކޯޗުކަމުން ޕޮޕޯފް އިސްތިއުފާ ދިނީ 12 އޯގަސްޓް 2015ގައެވެ. ޕޮޕޯފްގެ އިސްތިއުފާއާ ގުޅިގެން، އޭރު ގައުމީ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރީން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި، ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ވަނީ، އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ވަގުތާއި ހާލަތުގެ ގޮތުން ގައުމީ ޓީމާއެކު ކާމިޔާބީއެއް ނުހޯދުނު ނަމަވެސް ޕޮޕޯފް ވަނީ ދިވެހި ފުޓްބޯޅައިގައި އޭނާގެ ނަން ރަންއަކުރުން ފަވާލައިފައެވެ. އެގޮތުން ނިއުރޭޑިއަންޓާއެކު އޭނާ ހޭދަކުރި ދުވަސްވަރުގައި ނިއުއިން ވަނީ 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ތާރީޚީ ރެކޯޑަކާއެކު އެފަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި އެފަހަރު، އެޓީމުން ވަނީ، ޗެރިޓީ ޝީލްޑް މެޗާއި، އެ ފަހަރުގެ އެފްއޭކަޕްގެ އިތުރުން ޕްރެޒިޑެންޓް ކަޕާއި ވެޓަރަންސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި ހަމައެހެންމެ ނިއުއިން ވަނީ އެ ފަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޕޮޕޯފްގެ އިރުޝާދުގެ ދަށުން ނިއުއިން ވަނީ، 100 ޕަސެންޓް މޮޅުވުމުގެ ތާރީޚީ ރެކޯޑަކާއެކު ލީގު ކާމިޔާބުކުރުމުގެ އިތުރުން، 2010 ވަނަ އަހަރު ވީބީ ސްޕޯޓްސް ކްލަބުން ގާއިމުކުރި އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް (53) ހޯދުމުގެ ރެކޯޑު މުގުރާލައިފައެވެ. 2013 ވަނަ އަހަރުގެ ދިވެހި ލީގުގައި، ކުޅުނު 19 މެޗުން މޮޅުވެ، ނިއުއިން ވަނީ 57 ޕޮއިންޓުގެ ރެކޯޑެއް ގާއިމުކޮށްފައެވެ.