އާމިރު ހުރީ ސަލްމާން އަށް 'ޑަންގާލް' ދައްކަން ކެތްމަދުވެފައި

އާމިރު ޚާންގެ ގާތް އެކުވެރިޔާ ސަލްމާން ޚާން އަށް، އޭނާގެ ކުރިއަށް އޮތް ފިލްމު 'ޑަންގާލް' ދައްކަން ކެތްމަދުވެފައި ހުރި ކަމަށް އާމިރު ބުނެފި އެވެ.

އާމިރު އަދި ސަލްމާން އަކީ އަބަދު ވެސް އެކަކު އަނެކެއްގެ ފިލްމުތައް ޕްރޮމޯޓް ކުރާ ދެ ފަންނާނުންނެވެ. އާމިރުގެ 'ޑަންގާލް' ރިލީޒް ކުރަން ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ އެ ފިލްމާއި ސަލްމާންގެ ހިޓް ފިލްމް 'ސުލްތާން' އަޅާ ކިޔަމުންނެވެ.

'ސުލްތާން' އަދި 'ޑަންގާލް' އަކީ ވެސް ރެސްލިންގެ މައްޗަށް އުފައްދާފައިވާ ދެ ފިލްމެވެ. ނަމަވެސް ދެ ފިލްމުގެ ވާހަކަ އާއި މައިގަނޑު ހާދިސާތަކުގައި އެއްވެސް އެއްގޮތް ކަމެއް ނުހުންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާމިރު ބުނީ ސަލްމާންގެ ފިލްމުތައް ޕްރޮމޯޓް ކުރުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށާއި ސަލްމާން 'ޑަންގާލް' ޕްރޮމޯޓް ކުރާނެ ކަން ޔަގީންވާ ކަމަށެވެ.

"އަހަންނަށް ޔަގީން ސަލްމާން އަހަރެންގެ ފިލްމު ޕްރޮމޯޓް ކުރާނެ ކަން. ސަލްމާންގެ ފިލްމުތައް ޕްރޮމޯޓް ކޮށްދިނުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް. އަހަރެން މި ހުރީ ކެތް މަދުވެފައި ސަލްމާން އަށް ފިލްމު (ޑަންގާލް) ދައްކަން،" އާމިރު ބުނެފައިވެ އެވެ.

މިހާރު ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އާމިރު ވަނީ، އިޝްތިހާރުތަކާއި ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންތައް ފިޔަވައި އެއްވެސް ޝޯއެއްގައި ބައިވެރިވެ ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް އޭނާ ނުކުރާނެ ކަމަށް ބުނެފަ އެވެ.

'ޑަންގާލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިން ގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު) ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގްގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

ބޮޑު އުންމީދެއް ކުރެވޭ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް