ރައީސް ޔާމީނަކީ ޒުވާނުން ބަލައިގަންނަ ލީޑަރެއް: އިރުތިޝާމް

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ، ޒުވާނުން ބަލައިގަންނަ، ތަރައްގީގެ މަގުގައި ނަމޫނާ ލީޑަރެއް ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅު ވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް "ހަބޭސް ތިން އަހަރު" ގެ ނަމުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ނިމިދިޔަ ތިން އަހަރަކީ ޒުވާނުންގެ ހަބޭސް ތިން އަހަރު ކަމަށާއި ޒުވާނުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިރުތިޝާމް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ވަނީ ތަރައްގީ އާއި ކުރިއެރުން ހާސިލް ކުރެވިފައިވާ ކަމަށާއި، ރައީސް ޔާމީން، ކުޅިވަރަށް ގާނޫނީ ބާރުވެރިކަން ގެނެސްދެއްވާފައިވާ ކަމަށެވެ.

"މި ތިން އަހަރަކީ ޒުވާނުނުްގެ ހަބޭސް ތިން އަހަރު. ރައީސް ޔާމީންގެ ޒައާމަތުގައި ކާމިޔާބީ ތިން އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ވަނީ ތަރައްގީ އާއި ކުރިއެރުން ހާސިލް ކުރެވިފައި. ހަބޭސް ތިން އަހަރުގެ ތެރޭގައި ކުޅިވަރަށް ގާނޫނީ ބާރުވެރިކަން ވަނީ ގެނެސްދެއްވާފައި. ގައުމީ ޓީމް ތަކުގެ ކުޅުންތެރިންނަށް ވަނީ މުސާރަ ދެއްވާފައި. ކުޅިވަރުގެ ގައުމީ މަޖިލީހެއް ވަނީ އެކުލަވައިލައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސިޔާސަތުގެ ސަބަބުން ޒުވާނުންގެ އަހުލާގަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ޒުވާނުން ބާރުވެރި ކުރައްވައި ޒުވާނުންގެ އަހުލާގު މިހާރު ރަނގަޅުވަމުން ދާކަން މިހާރު އެބަ ފެނޭ. ޒުވާނުންނަށް ޓަކައި ގައުމަށް ކޮށްދެއްވާ ހާއްސަގޮތެއްގައި ކުޅިވަރުގެ ވަސީލަތް ތަކުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެ ނޭދެވޭ އަމަލުތަކުން ޒުވާނުން ދުރުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޔޫތު މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރުން ހުރިހާ ރަށަކަށްވެސް ތަފާތު ކުރުމެއް ނެތި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ވަސީލަތްތައް ގާއިމް ކުރަމުން ދާކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް ކުރަމުން ދަނީ "ރޮކެޓް ސްްޕީޑު"ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކުޅިވަރުގެ ވަސީލަތް ގާއިމް ކުރުމަށާއި ޒުވާނުންނާއި ކުޅިވަރު ތަރައްގީ ކުރުމަށް ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 600 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަދުގެ ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށް ތަފާތު ޕްްރޮގްރާމުތަކެއް ހިންގައި ގިނަ ޒުވާނުންތަކަކަށް ވަޒީފގެ ފުރުސަތު ތަނަވަސް ކޮށްދެއްވާފައިވާ ކަމަށެވެ.

comment ކޮމެންޓް