އެސްއޭޓީ އިމްތިހާން ނުހަދައި، ދިވެހިންނަށް ޕާކިސްތާނުގައި މެޑިސިން ކިޔެވޭނެ

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޕާކިސްތާން އެމްބެސެޑަރ ސައީދު އަލީ ޚާން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ޕާކިސްތާނުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން އެ ގައުމުގެ ކޮލެޖަކަށް ވަނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ "ސްކޮލެސްޓިކް އެސެސްމެންޓް ޓެސްޓް 2" (އެސްއޭޓީ 2) އިމްތިހާން ނުހަދައި، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގެ މެޑިކަލް ކޮލެޖުތަކުގައި ކިޔެވޭނެ އިންތިޒާމު ޕާކިސްތާނު ސަރުކާރުން ހަމަޖައްސައިފިއެވެ.

އެސްއޭޓީ އިމްތިހާނަކީ ދުނިޔޭގެ ބައެއް ކޮލެޖުތަކުން ދަރިވަރުންނަށް އެޑްމިޝަން ދިނުމުގެ ކުރިން، އެ ދަރިވަރުން ފުރިހަމަކުރަންޖެހޭ ސްޓޭންޑަޑް އިމްތިހާނެކެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވައިސް އެޑްމިރަލް (ރޓޑ) ސައީދު ޚަވަރު އަލީ ޝާހު ވިދާޅުވީ، އެސްއޭޓީ 2 އިމްތިހާން ނުހަދައި ޕާކިސްތާނުގެ މެޑިކަލް ކޮލެޖުތަކަށް ވަދެވޭ ގޮތް ހަމަޖެއްސި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިއީ ހަމައެކަނި ދިވެހިރާއްޖޭގެ ދަރިވަރުންނަށް ދިން އިނާޔަތެއް ކަމަށެވެ.

"ފުރަތަމަ ފަހަރަށް ޕާކިސްތާން ސަރުކާރުން މިވަނީ، ބޭރުގެ ގައުމުތަކުގެ ދަރިވަރުން ޕާކިސްތާނުގެ ކޮލެޖުތަކަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އެސްއޭޓީ 2 އިމްތިހާން، ދިވެހި ދަރިވަރުން ހަދަން ނުޖެހޭ ގޮތް ހަމަޖައްސާފައި،" އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަދި ޕާކިސްތާން އެމްބެސެޑަރ ސައީދު އަލީ ޚާން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއީ ޕާކިސްތާނުން ރާއްޖެއަށް ދިން ވަަރަށް ފަހި ފުރުސަތެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިކަމުން ޕާކިސްތާނާ ރާއްޖޭގެ ގުޅުން ސާބިތުވޭ، އަދި ދިވެހި ކިޔަވާކުދިންނާ މެދު ޕާކިސްތާނުން ގެންގުޅޭ އިތުބާރު ވެސް ހާމަވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަކީ ވަރަށް މޮޅު ކުދިންތަކެއް ކަމަށާއި، ޕާކިސްތާނުގެ ނިންމުމާ ގުޅިގެން އިތުރު ތަކުލީފުތަކަކާ ނުލައި އެކުދިންނަށް މެޑިކަލް ކޮލެޖުތަކަށް ވަދެވޭނެ ކަމަށެވެ.

"އޭ ލެވެލް ނިންމާފައިދާ މި ކުދިންނަކީ ވަރަށް ބޮޑަށް ފުރޭނިގެން، ވަރަށް ވާދަކޮށްގެން ދާ ކުދިން. މިއީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް، އަޅުގަނޑުމެންނަށް އިތުރު ތަކުލީފަކާ ނުލައި ސީދާކޮށް މެޑިކަލް ކޮލެޖުތަކަށް ވަދެވުމަކީ،"

ޕާކިސްތާނަކީ ސިއްހީ ދާއިރާގައި ރާއްޖެއަށް އެކިއެކި އެހީތައް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން ރާއްޖޭގައި، ޕާކިސްތާނުން އެމްބީބީއެސް ތަމްރީނު ހޯދާފައިވާ 80 ވަރަކަށް ދިވެހި ޑޮކްޓަރުން ހަރަކާތްތެރިވާ އިރު، ޕާކިސްތާނުގެ ވެސް ގިނަ ޑޮކްޓަރުން ރާއްޖޭގައި މަސައްކަތް ކުރެއެވެ.

އަދި މެޑިސިން ދާއިރާގެ ގިނަ ސްކޮލަޝިޕް ފުރުސަތުތަކެއްވެސް ޕާކިސްތާނުން ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއެވެ.

comment ކޮމެންޓް