އަންނަ ހަފްތާތެރޭ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ޑިބާލާ ބައިވެރިވާން ފަށާނެ: އަލެގްރީ

ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ ---

އަނިޔާއަށްފަހު އިޓަލީގެ ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ޕައުލޯ ޑިބާލާ، އަންނަ ހަފްތާތެރޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށް އެ ކްލަބުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު އިޓާލިއަން ސެރީއާގައި އޭސީ މިލާންއާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން ޔުވެންޓަސް ބަލިވި މެޗަށްފަހު އެ ޓީމުން ޑިބާލާ ފެނިފައެއް ނުވެ އެވެ.

"އަންނަ ހަފްތާތެރޭ އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ބަލާ،" ގެނޯއާއާ ދެކޮޅަށް މިއަދު ކުޅޭ ސެރީއާގެ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުންޏެވެ.

ޑިބާލާގެ އިތުރުން އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގައިންގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅެ، ޔުވެންޓަސް މޮޅުވި މެޗުގައި އޭނާ ވެސް ފެނިފައެއް ނުވެ އެވެ.

މިވަގުތު ޔުވެންޓަސް އޮތީ ސެރީއާ ތާވަލުގެ އެއް ވަނައިގައެވެ. ޔުވެންޓަސް އަށް 13 މެޗުން 33 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް 14 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ޔުވެންޓަސް އިން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ވެސް ކަށަވަރުކޮށްފަ އެވެ.

comment ކޮމެންޓް