ކޫޓީނިއޯ އަށް އަނިޔާވި މެޗުގައި ސަންޑަލޭންޑް އަތުން ލިވަޕޫލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު، ލިވަޕޫލްގެ އޮރިގީ އުފާފާޅުކުރަނީ: އެ މެޗުން ލިވަޕޫލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެޒިލް ތަރި ފިލިޕް ކޫޓީނިއޯ އަށް އަނިޔާވި މެޗުގައި ސަންޑަލޭންޑް އަތުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ޕްރިމިއާ ލީގުގެ މެޗުގައި ސަންޑަލޭންޑްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. ލިވަޕޫލްގެ ކޫޓީނިއޯ އަށް އަނިޔާވީ މެޗުގެ 32 ވަނަ މިނެޓުގައި އޭނާގެ އަތުން ސަންޑަލޭންޑްގެ ޑިޑިއާ އެންޑޮންގް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ލިވަޕޫލްގެ ކޫޓީނިއޯ ދަނޑުން ބާލަނީ: އެ މެޗުން ލިވަޕޫލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އެ ޓީމުގެ ބެލްޖިއަމް ފޯވަޑް ޑިވޯކް އޮރިގީ އެވެ.

މެޗުގެ ދެ ވަނަ ލަނޑު ޖަހައި ލިވަޕޫލުން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ސަންޑަލޭންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސާޑިއޯ މާނޭ އަށް އެންޑޮންގް ކުރި ފައުލަކާ ގުޅިގެން ލިވަޕޫލަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާ އެކު ލިވަޕޫލަށް ވަނީ ގޯލުގެ ތަފާތުން ވަގުތީ ގޮތުން ލީގު ތާވަލުގެ އެއް ވަނަ މަގާމު ލިބިފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޗެލްސީ އަށް 12 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މިހާރު ކުޅޭ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ، އަލުން ޗެލްސީ އަށް އެއް ވަނަ ލިބިގެންދާނެ އެވެ.

ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އާއި ސްލިމާނީ އިސްލާމް އެވެ. މިޑްލްސްބަރާގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވަޑް ނެގްރޭޑޯ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އަތުން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސްވަންސީ ސިޓީ މޮޅުވީ 5-4 ލަނޑުންނެވެ. ސްވަންސީގެ ފަސް ލަނޑުގެ ތެރެއިން ލެރޯއީ ފާ އާއި ފެނާންޑޯ ލޮރެންޓޭ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގިލްފީ ސިގާޑްސަން އެވެ. ކްރިސްޓަލް ޕެލަސްގެ ހަތަރު ލަނޑުގެ ތެރެއިން އެއް ލަނޑަކީ ސްވަންސީގެ ޖެކް ކޯކް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ ވިލްފްރެޑް ޒާހާ އާއި، ޖޭމްސް ޓޮމްކިންސް އަދި ކްރިސްޓިއަން ބެންޓޭކޭ އެވެ.

ރޭ ހަލް ސިޓީ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ވެސްޓް ބްރޮމް އަށް ގެރެތު މެކްއޯލޭ ލީޑު ހޯދައިދިން އިރު، ދެ ވަނަ ހާފުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ހަލް ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މައިކަލް ޑޯސަން އެވެ.

comment ކޮމެންޓް